ޚަބަރު

ރަޝިޔާގެ ޤައުމީ އެއަރލައިނުގެ ބައިނަލްއަޤްވާމީ ދަތުރުތައް މުޅިން މެދުކަނޑާލަނީ


ރަޝިޔާގެ ޤައުމީ އެއަރލައިން އެއިރޯފްލޮޓްއިން ބެލެރޫސް ފިޔަވައި އެހެން ހުރިހާ ޤައުމަކަށް ކުރާ ބައިނަލްއަޤްވާމީ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފިއެވެ.

އެއިރޯފްލޮޓްއަކީ ރަޝިޔާގެ ޤައުމީ އެއަރލައިނުގެ އިތުރުން އެ ޤައުމުގައި އޮތް އެންމެ ބޮޑު އެއަރލައިނެވެ. އެއިރޯފްލޮޓްއިން ބެލެރޫސްއަށް ކުރާ ދަތުރުތައް ފިޔަވައި އެހެން ހުރިހާ ޤައުމަކަށް ކުރާ ބައިނަލްއަޤްވާމީ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާކަން އިޢުލާންކޮށްފައިވަނީ ހޮނިހިރުދުވަހު އެ ޤައުމުގެ އޭވިއޭޝަނާބެހޭ އިދާރާއިން ދީފައިވާ ލަފަޔާއެއްގޮތަށް، ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ވާގޮތުން ފްލައިޓުތައް އޮޕަރޭޓުކުރުމުގައި ދަތިތަކެއް ހުރީތީ، މާރިޗު 8 އިން ފެށިގެން ބައިނަލްއަޤްވާމީ ދަތުރުތައް މެދުކަނޑާލާނެއެވެ. މީގެތެރޭގައި ފަސިންޖަރުން ގޮވައިގެން ކުރާ ދަތުރުތަކުގެ އިތުރުން ކާގޯ ފްލައިޓުތައްވެސް ހިމަނާފައިވެއެވެ.

އެއިރޯފްލޮޓްގެ ބަޔާނުގައި ވާގޮތުން ރަޝިޔާއިން ބޭރަށް ދަތުރުކުރާ ފަސިންޖަރުންނަށް މާރިޗު 8 ގެ ނިޔަލަށް ދަތުރުކުރެވޭނެއެވެ. ނަމަވެސް މާރިޗު 6 ގެ ފަހުން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ނަގާފައިވާ ރިޓާރން ޓިކެޓު، މާރިޗު 8 އަށްވުރެ ފަސްވާނަމަ، ކެންސަލްވާނެކަމަށް ބުނެފައިވެއެވެ. މިގޮތަށް ޢަމަލުކުރިނަމަވެސް ޑޮމެސްޓިކް ދަތުރުތަކަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިއެކޭ އެއްގޮތަށް ދަތުރުކުރާނެކަމަށް ވަނީ ބުނެފައެވެ.

ޔޫކްރެއިން ހަނގުރާމައާއިގުޅިގެން ރަޝިޔާއާ ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޤައުމުތަކާއި ޖަމާޢަތްތަކުން ވަނީ އެ ޤައުމަށް ކުލީ އެއްބަސްވުމުގެދަށުން ދޫކޮށްފައިވާ މަތިންދާބޯޓުތަކާބެހޭ އެއްބަސްވުންތައް އުވާލުމަށާއި، އިތުރަށް ކުއްޔަށްހިފުމަށް ބޯޓުތައް ދޫނުކުރުމަށް ބޭރުގެ ކުންފުނިތަކަށް އަންގާފައެވެ. އެހެންކަމުން ކުލީއެއްބަސްވުމުގެދަށުން ބޭނުންކުރާ ބޯޓުތައް ހިފެހެއްޓުމުގެ ބިރުއޮތުމުގެ ސަބަބުން އެ ބޯޓުތައް އޮޕަރޭޓުކުރުމަށް ދަތިވެފައިވާކަމަށް ރަޝިޔާގެ އޭވިއޭޝަނާބެހޭ އިދާރާއިން ހާމަކުރެއެވެ.

އެ އިދާރާއިން އެއަރލައިންތަކަށް އަންގާފައިއޮތީ ބޭރުގެ ކުލީ ބޯޓުތައް ބޭނުންކުރާ ހުރިހާ އެއަރލައިނަކުން ދަތުރުކުރުން ހުއްޓާލުމަށެވެ. ނަމަވެސް މީގެތެރޭގައި ރަޝިޔާ ކުންފުނިތަކުގެ އަމިއްލަ ބޯޓުތަކާއި، ފިޔަވަޅުތަކުގެސަބަބުން ހުރަސްއެޅިފައިނުވާ ކުލީ ބޯޓުތައް ނުހިމެނޭކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިނުވާ ޤައުމުތަކުގެ އެއަރލައިންތަކާއި، ރަޝިޔާގެ ބޯޓުތަކަށް ވައިގެ ސަރަޙައްދު ބަންދުކޮށްފައިނުވާ ޤައުމުތަކުގެ ބޯޓުތައްވެސް މި ނިންމުމުން އިސްތިސްނާވާކަމަށް އޭވިއޭޝަނާބެހޭ އިދާރާއިން ހާމަކުރެއެވެ.

ހަނގުރާމަ ފެށުމަށްފަހު ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް އައިސްފައިވާ ބަދަލަށް ބަލާއިރު ވިލާތުގެ އިއްތިޙާދާއި، ކެނެޑާއާއި، އިނގިރޭސިވިލާތުން ވަނީ ރަޝިޔާގެ ބޯޓުތަކަށް ވައިގެ ސަރަޙައްދު ބަންދުކޮށްފައެވެ. އަދި ރަޝިޔާއިންވެސް ވަނީ އެ ޤައުމުތަކުގެ ބޯޓުތަކަށް ރަޝީޔާގެ ވައިގެ ސަރަޙައްދު ބަންދުކޮށްފައެވެ. އެހެންކަމުން ޤައުމުން ބޭރުގައި ތިބި ރަޝިޔާއަށް އެނބުރި އަންނަން ބޭނުންވާ ފަރާތްތަކަށް އެ ޤައުމުގެ އޭވިއޭޝަނާބެހޭ އިދާރާއިން އަންގާފައިއޮތީ ދަތިކުރުމުގެ ފިޔަވަޅު އެޅުމުގައި ބައިވެރިނުވާ ޤައުމުތަކުގެ އެއަރލައިންތަކުން ދަތުރުކުރުމަށެވެ. އެގޮތުން ޤަތަރު، އާޒަރުބައިޖާން، އަރުމީނިއާ، ކަޒަކިސްތާން، ތުރުކީވިލާތް، ސާބިއާ، އަދި ޔޫއޭއީ ފާހަގަކޮށްފައިވެއެވެ.

ރަޝިޔާގެ ޤައުމީ އެއަރލައިނުގެ އިތުރުން އެ ޤައުމުގެ އެންމެ ބޮޑު ޑޮމެސްޓިކް އެއަރލައިންކަމަށްވާ އެސް.7 އާއި، އެއިރޯފްލޮޓް ކުންފުނީގެ ދަށުން ހިންގާ ބަޖެޓް އެއަރލައިން ޕޮބެޑާއިންވެސް ވަނީ ބައިނަލްއަޤްވާމީ ދަތުރުތައް މެދުކަނޑާލަން ނިންމާފައެވެ.

ރަޝިޔާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން ފާއިތުވި ފެބްރުއަރީމަހު އެކަނިވެސް 20000 އަށްވުރެ ގިނަ ރަޝިޔާ ފަތުރުވެރިން ރާއްޖެއަށް ޒިރާރަތްކޮށްފައިވެއެވެ. ވުމާއެކު އެއިރޯފްލޮޓްގެ ބައިނަލްއަޤްވާމީ ދަތުރުތައް މެދުކަނޑާލުމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރާނެއެވެ. ނަމަވެސް ނޯރޑްވިންޑް ފަދަ ބައެއް އެއަރލައިންތަކުން ދަތުރުކުރަމުންދާތީ، ރަޝިޔާއިން ފަތުރުވެރިން އައުމުގެ މަގު މުޅިން އެއްކޮށް ބަންދުވެފައެއް ނުވެއެވެ.