ވިޔަފާރި

ރާއްޖެ އިސްތިހާރުކުރުމަށް، މެދުއިރުމަތީގެ ލިޔުންތެރިންގެ ގްރޫޕެއް ރާއްޖޭގައި


މެދުއިރުމަތީގެ މަޝްހޫރު ނޫސްމަޖައްލާތަކުގެ އެޑިޓަރުންނާއި ލިޔުންތެރިން ހިމެނޭ ގްރޫޕެއް ރާއްޖެ އިސްތިހާރުކުރުމަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އައިސްފިއެވެ. މި ޓީމުން ރާއްޖޭގައި ތިބޭނީ މިމަހުގެ 4އިން 10ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ މި ޓީމުގައި މެދުއިރުމަތީގައި މަޤްބޫލު ލައިފްސްޓައިލް މަޖައްލާތަކުގެ ލިޔުންތެރިން ބައިވެރިވާކަމަށެވެ. މި ޓީމުން ރާއްޖެއަށް ކުރާ ދަތުރުގައި ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަން ތަޖުރިބާކޮށް އިސްތިހާރުކުރާނެއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ މި ޕެމިލިއަރައިޒޭޝަން ދަތުރުގެ އެންމެ ބޮޑު އެއް ބޭނުމަކީ މެދުއިރުމަތީގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުންކަމަށެވެ. ވަކިން ޚާއްސަކޮށް ސައުދީ ޢަރަބިއްޔާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ދަމަހައްޓައި އެ ޤައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަކީ މި ދަތުރުގެ އެންމެ މުހިންމު އެއް ބޭނުންކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

މި ދަތުރުގައި ކުރެވޭ ތަޖުރިބާއާއި ރާއްޖެއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ އެކިއެކި ޕްރޮޑަކްޓްތަކާ ގުޅޭގޮތުން މި ލިޔުންތެރިން ލިޔުންތައް ލިޔާނެއެވެ. އަދި ސޯސަލް މީޑިއާގައި މި ލިޔުންތައް ހިއްސާކުރާނެއެވެ. މީގެ ސަބަބުން މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.

ސައުދީ ޢަރަބިއްޔާއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓެކެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީމަހު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 3189 ފަތުރުވެރިން އައެވެ. އަދި ފެބްރުއަރީމަހު 2690 ފަތުރުވެރިން ސައުދީ އަރަބިއްޔާއިން ރާއްޖެ އައެވެ.