ވިޔަފާރި

ރޯދަމަހު، ޒަރޫރީތަކެތި ހުސްނުވެ ބާޒާރުން ލިބޭނެ - އެސްޓީއޯ


މިއަހަރުގެ ރަމަޟާންމަހުވެސް ޢާންމުކޮށް ކެއިބުމުގައި ބޭނުންކުރާ ޒަރޫރީތަކެތި ހުސްނުވެ ބާޒާރުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން އަންނަކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާންމަހުވެސް ބާޒާރުގައި ކެއިންބުއިމަށް ބޭނުންކުރާ ތަކެއްޗަށް އޮންނަ ޑިމާންޑް އިތުރުވެގެންދެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަހަށްވެސް އެސްޓީއޯގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުސްނުވެ ބާޒާރުގައި ތަކެތި ބެހެއްޓުމާއި، އަގު އިންތިހާއަށް ބޮޑުވެގެންދިޔަނުދީ އެއަގުތައް ކޮންޓްރޯލްކޮށްގެން ހިފެހެއްޓުންކަމަށެވެ. މިކަން ހާސިލްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އަމްރު ފާހަގަކުރެއްވިއެވެ. އެގޮތުން ޝެޑިއުލްކޮށްގެން ރަމަޟާންމަހު އެންމެ ޑިމާންޑް ބޮޑުވާ ތަކެތިކަމަށްވާ ފިޔާ، ބިސް އަދި އަލުވީގެ ޝިޕްމަންޓްތައް މިހާރު ގެނެސްފައިވާކަމަށް އަމްރު ވިދާޅުވިއެވެ.

"ކުރިން އަހަރުތަކެކޭވެސް އެއްގޮތައް ރޯދަމަހަށް އަޅުގަނޑުމެން އާންމުކޮށް އާންމުކޮށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހުސްނުވެ ބާޒާރުގައި ހުންނާނެކަމުގެ ޔަޤީންކަން އަޅުގަނޑުމެން ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުން މިދަނީ. އެގޮތުން އަޅުގަނޑުމެން މިހާރުވެސް ޝެޑިއުލް ހަދައިގެން ފިޔާ، ބިސް، އަލުވީގެ ޝިޕްމަންޓްތަކާއި އެއްޗެހި މިހާރުވެސް ހުރީ ރެޑީކޮށްފައި. ދެން އޭގެ އިތުރުންވެސް ބައެއްކަހަލަ އެހެން ކައްކަން ބޭނުންކުރާ ސާމާނަކީވެސް މިހާރު އެންމެ ބޭނުންތެރި ސާމާނުކަމަށްވާތީ ބައެއް ކަހަލަ ސާމާނުތައްވެސް އަޅުގަނޑުމެން ހަމަ ރެޑީގައި ބަހައްޓާފައި އެހުރީ." އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއަކީ މިތަކެތި މުޅި ރާއްޖެއަށް ފޯރުކޮށްދޭ ސަރުކާރުގެ ވިޔަފާރި ކުންފުންޏެވެ. އަމްރު ވިދާޅުވީ ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައިވެސް ފިޔާ، ބިސް އަދި އަލުވީގެ އަގުތައް ހުންނާނީ މާލެއާ އެއް އަގެއްގައިކަމަށެވެ. އަދި އެސްޓީއޯއިން ވިސްނާފައި އޮތީ އަގުތައް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ރާއްޖޭގެ އުތުރާއި ދެކުނަށް ސީދާ ބޭރުން ޝިޕްމަންޓްތައް ގެނައުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

"ވިސްނާފައި އޮތީ އުތުރަށާއި ދެކުނަށް ޑައިރެކްޓްކޮށް ޝިޕްމަންޓްތައް ގެންނަން ސީދާ ބޭރުން. އަދި ރާއްޖޭގެ އެހެން ރަށްރަށައްވެސް މާލެ ގެނެސްފައި ފޮނުވާއިރުވެސް ރޯދައިގެ ކުރިއާލާ ހުރިހައިއެއްޗެއް ރަށްރަށައް ފޮނުވުން އަޅުގަނޑުމެންގެ ފިހާރަ ހުރި ތަންތަނަށް. އަގުތައް ހުންނާނީ ހަމަ މާލެއެކޭވެސް އެއް އަގެއްގައި. ޚާއްސަގޮތެއްގައި ފިޔާ ބިސް އަލުވި ބަހައްޓާނީ މާލެއެކޭ އެއްއަގެއްގައި." އަމްރު ވިދާޅުވިއެވެ.

ރަމަޟާންމަހަކީ އެސްޓީއޯގެ ސްޕަމާޓަށް އޮންނަ ޑިމާންޑް އެހެން މަސްމަހާ އަޅާބަލާއިރު ބޮޑު މަހެކެވެ. ގިނަ އަދަދެއްގެ މީހުން ރަމަޟާންމަހު އެސްޓީއޯގެ ސްޕަމާޓުން ވިޔަފާރިކުރެއެވެ. އެހެންކަމުން އެ ކުންފުނިން ވަނީ ރޯދައަށް ސްޕަމާޓް ބޮޑުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.