ރިޕޯޓް

މަގުމައްޗާއި ހުސްބިންތަކުގައި ތަކެތި ބެހެއްޓުމަކީ މަނާކަމެއް!


ހައުސިންގ މިނިސްޓްރީގެ
ހުއްދަނެތި ގަވާއިދާ ޚިލާފަށް އެއްވެސް ބާވަތެއްގެ އެއްޗެއް މަގުމަތީގައާއި ހުސް ބިންތަކުގައި
ބަހައްޓާ ނެހެދުމަށް އެ މިނިސްޓްރީން އަންގަވައިފިއެވެ. މިއީ މަގުމަތީގައި ތަކެތި ބެހެއްޓުމަކީ
މަނާކަމެއްކަން އަންގައި މިނިސްޓްރީން އިއުލާންކުރެއްވި ދެވަނަ ފަހަރެވެ.

ހައުސިންގް
މިނިސްޓްރީން ވިދާޅުވީ، ފަހަކަށް އެކި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ލަކުޑީގެ
ބާވަތްތަކާއި، ދަގަނޑާއި ހިލަވެލި އަދި ވިޔަފާރި މުދަލާއި އެހެނިހެން ތަކެތި މިނިސްޓްރީގެ
ހުއްދަ ނެތި ގަވާއިދާއި ޚިލާފަށް މަގުމަތީގައާއި ހުސްބިންތަކުގައި ބަހައްޓަމުން ގެންދިއުން
ވަރަށް ބޮޑަށް އާއްމުވެފައިވާ ކަމަށެވެ. މީގެ އިތުރުން މި ތަކެތި
މަގުމަތީގައި ބަހައްޓައިގެން ސާފުކޮށް، ލަކުޑިނަމަ ބަންޑެލި ކަނޑައި ހަދަމުން ގެންދިއުމާއި
އެފަދަ ބައެއް ތަކެތި މަގުމަތީގައި ބަހައްޓައިގެން ވިއްކަމުން ގެންދާކަން ވެސް ފާހަގަކުރެވިފައިވާ
ކަމަށް ހައުސިންގް މިނިސްޓްރީން ވިދާޅުވެއެވެ.  



މިގޮތަށް ތަކެތި ބަހެއްޓާނަމަ
ހައުސިންގް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހެއެވެ. އަދި މިނިސްޓްރީގެ ހުއްދަ ނެތި މިގޮތަށް
ތަކެތި ބަހައްޓާނަމަ އެތަކެތި ނަގާނެކަމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. މީގެ
އިތުރުން އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުންވެސް މިގޮތަށް ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ. އަދި މި ޤާނޫނުގެ
ދަށުން މިފަދަ އަމަލު ހިންގާ ފަރާތްތަކާއިމެދު ފިޔަވަޅުވެސް އެޅޭނެއެވެ. އެކި ބޭނުންތަކަށް އިޝްތިހާރުކުރުމަށް ގަސްގަހާއި ހޮޅިދަނޑި
ބޭނުން ނުކުރުމަށާއި އަދި މަގުމަތީގައާއި ފާރުތަކާއި އެއްގަމު ތޮށިގަނޑާއި މަގުތަކުގެ ކަންކަންމަތީގައި
ހަރުކޮށްފައިވާ ރެއިލިންގްގައި އިޝްތިހާރު ހަރު ނުކުރުމަށް ހައުސިންގ މިނިސްޓްރީން ވަނީ
އަންގަވާފައެވެ.