ޚަބަރު

ހުލުމާލޭގައި "ކޮންޓެއިނަރ" ޕާކެއް، ޚާއްސަކުރާނީ ކުދި ވިޔަފާރިތަކަށް


މާލެ ސަރަޙައްދުގެ އެންމެ ބޮޑު އާބާދީއެއް އޮތް ތަނަކަށް ހުޅުމާލެ ބަދަލުވެގެންދާއިރު މި ސިޓީއަކީ ރާއްޖޭގައިވެސް ވަކި ޚާއްސަ ކޮންސެޕްޓަކަށް ތަރައްޤީކުރަމުންދާ ހަމައެކަނި ރަށެވެ. ބިމެއް ހިއްކައިގެން މާސްޓަރ ޕްލޭނަކާއެކު ފެށި ހުޅުމާލެ ވެފައިވަނީ ރައްޔިތުން އާބާދުވެ ދިރިއުޅުމަށް އެންމެ އެކަށޭނަ މާޙައުލާއި ޚިދުމަތްތަކާއެކު ތަރައްޤީކުރާ ސިޓީއަށެވެ. ޚާއްސަކޮށް ޕާކުތަކާއި މައިޒާންތަކާއި ހިތްފަސޭހަކޮށްލުމަށް ދާނެ ތަނެއް ކޮންމެ ނޭބަހުޑް ސަރަޙައްދެއްގައިވެސް ވަނީ ތަރައްޤީކޮށްފައިވެއެވެ. އަދި ސިޓީ ފެންވަރުގައި ތަރައްޤީކުރާ ބޮޑެތި ޕާކުތައްވެސް ހިމެނެއެވެ.

އަނެއްކާވެސް ހުޅުމާލެއަށް މި އަންނަނީ މިފަދަ ތަފާތު ހިތްގައިމު މަސައްކަތެކެވެ. ބާ ކޮންޓެއިނަރުތަކެއް ބަދަލުކޮށްލަނީ، މުޖުތަމަޢުގެ އެތައް ބަޔަކަށް ފައިދާކުރުވަނިވި ޕާކަށެވެ. މި ޕާކު ޚާއްސަކޮށްފައި ވަނީ ޒުވާނުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ މީހުންނަށާއި، އަދި އެ ޚިދުމަތްތައް ލިބިގަންނަ ރައްޔިތުންނަށެވެ.

މި ޕާކުގައި ކޯ-ވޯކިންގ ސްޕޭސް ނުވަތަ ކުދި ވިޔަފާރިއާއި ގުޅުންހުރި މަސައްކަތްތައް، ހިތްހަމަޖެހޭ މާޙައުލެއްގައި ތިބެގެން ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ. މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ އުފެއްދުންތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް އަރޓް އެގްޒިބިޝަންތައް ބޭއްވޭނެ ޖާގަވަނީ ކަނޑައަޅާފައެވެ. އަދި ކޮންޓެއިނަރ ޕާކުގައި ކެފޭއެއްވެސް ހުންނާނެއެވެ.

ބޭރަށް ނިކުމެލާ ހިތްފަސޭހަ މާޙައުލެއްގައި ފޮތްކިޔުމަށް ތިބެނޭ ސަރަޙައްދަކާއެކު "ފޮތް ގާޑިޔާ"ވެސް ހުންނާނެއެވެ. ޕާކު ތަރައްޤީކުރަނީ އެ ސަރަޙައްދުގައި ކުދި އަދި މެދު ފަންތީގެ ފިޔަފާރިތަކާއި ގުޅޭ އެކި އެކި ހަރަކާތްތައްވެސް ބޭއްވޭނެ ގޮތަށެވެ.

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން މި ޕާކު ތަރައްޤީކުރަނީ ހުޅުމާލޭގެ ރެޑް ވޭވް މޯލްގެ ފުރަގަހުގައި އޮންނަ ސަރަޙައްދުގައެވެ. އެޗްޑީސީން ބުނެފައިވަނީ ޕާކުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ހުޅުމާލެ ތަރައްޤީކުރަނީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް އެކަށޭނަ ވަސީލަތްތައް ހިމެނޭ މާޙައުލެއްގެ ގޮތުގައެވެ.

އެގޮތުން ހުޅުމާލޭގައި ކުޑަކުދިންނަށް ޚާއްސަ ޕާކުތަކާއި، ކުޅިވަރު ޕާކުތަކާއި އަދި އިޖްތިމާޢީ އެކިއެކި ހަރަކާތްތައް ކުރިއަށްގެންދެވޭފަދަ ޕާކުތައްްވެސް ހިމެނެއެވެ. ނަމަވެސް "ކޮންޓެއިނަރ ޕާކް"އަކީ ޒުވާނުންނާ ވިޔަފާރިކުރާ މީހުންނަށް ޚާއްސަކޮށް މިގޮތަށް ތަރައްޤީކުރާ ފުރަތަމަ ޕާކެވެ.

ހުޅުމާލޭގައި ދަނީ ރާއްޖޭގެ ފުރަތަމަ "ވޯޓަރ ތީމް ޕަރކް"ވެސް ތަރައްޤީކުރަމުންނެވެ.