ޚަބަރު

ގޮދަނާއި ޒުވާރީގެ ބާޒާރަށްވެސް ހަގުރާމައިގެ އަސަރު


ދުނިޔޭގެ ޤައުމުތަކަށް ބޭނުންވާ އަސާސީ ތަކެތީގެ ވިޔަފާރިއަށް ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އަސަރުކުރަމުންދާ ދިއުމުގައި ގޮދަނާއި ޒުވާރި ލިބުން ދަތިވެ، ބާޒާރުގައި މިތަކެތީގެ އަގު އުފުލިއްޖެއެވެ.

ދުނިޔޭގައި އެންމެ ގިނައިން ގޮދަން އުފައްދައި އެކްސްޕޯޓުކުރާ 5 ޤައުމުގެ ތެރޭގައި ރަޝިޔާއާއި ޔޫކްރެއިން ހިމެނެއެވެ. ރަޝިޔާއަކީ އެންމެ ގިނައިން ގޮދަން އެކްޕޯޓުކުރާ ޤައުމެވެ. ޔޫކްރެއިނުން ގޮދަނުގެ ބާޒާރުގެ 12 އިންސައްތަ ޙިއްސާކުރެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރަޝިޔާއާއި ޔޫކްރެއިންގެ އެކްސްޕޯޓު ޖުމްލަކޮށް ދުނިޔޭގެ ގޮދަނުގެ ބާޒާރުގެ 4 ބައިކުޅަ 1 ބަޔަށްވުރެ ގިނައެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން މިއަހަރަހަށް ލަފާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ދުނިޔޭގެ ޤައުމުތަކަށް ބޭނުންވާ 16 އިންސައްތަ ޒުވާރި އެކްސްޕޯޓުކުރާނެކަމަށް ބެލެވިފައިއޮތީވެސް ޔޫކްރެއިނުންނެވެ.

ނަމަވެސް ދުނިޔޭގެ މަސްރަހުގައި ރަޝިޔާއަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއިން އުފައްދާ ގޮދަން، ބައިނަލްްއަޤްވާމީ ބާޒާރަށް ލިބޭނެކަމުގެ އުއްމީދުވަނީ ކުޑަވެފައެވެ. އަދި ޔޫކްރެއިނުގެ ދަނޑުވެރިކަމުގެ ސިނާޢަތަށް ހަނގުރާމައިން އަސަރުކުރާނެ މިންވަރު ދެނެގަނެވިފައިނުވާތީ މިއަހަރު އެ ޤައުމުން އެކަށީގެންވާ އުފެއްދުމެއް ލިބޭނެކަމުގެ އުއްމީދުވެސް ވަނީ ކުޑަވެފައެވެ.

ނަތީޖާއެއްގެގޮތުން ގޮދަނާއި ޒުވާރީގެ އަގު ވަނީ ތެލާއި ގޭހުގެ އަގަށް މިހާރު އައިސްފައިވާ ބަދަލާއި އެއްގޮތަށް ރިކޯޑު މިންވަރަކަށް އުފުލިފައެވެ. ހަފްތާބަންދުގައި ދުނިޔޭގެ ބާޒާރުގައި ގޮދަނުގެ އަގު ވަނީ 6.6 އިންސައްތައަށް އުފުލިފައެވެ. ޒުވާރީގެ އަގު ވަނީ 20 އިންސައްތައަށްވުރެ ބޮޑަށް އުފުލިފައެވެ. މީގެއިތުރުން އިންފްލޭޝަން މަތިވުމުގެސަބަބުން މިއަހަރުގެ މިހާތަނަށް ގޮދަނުގެ އަގު 37 އިންސައްތަ އަދި ޒުވާރީގެ އަގު 21 އިންސައްތަ އުފުލިފައިވާކަމަށް ނޫސްތަކުން ރިޕޯޓުކުރެއެވެ.

ރަޝިޔާއާއި ޔޫކްރެއިނުން ގޮދަނުގެ ބާވަތްތަކާއި ޒުވާރި އެތެރުކުރާ ޤައުމުތައް ކަމަށްވާ މޭނާ ނުވަތަ މެދުއިރުމަތީގެ ޤައުމުތަކާއި އުތުރު އެފްރިކާގެ ޤައުމުތަކުން ދަނީ ހަނގުރާމައިގެ އަސަރު މި ވިޔަފާރިއަށް ކުރުމާމެދު އިންތިހާއަށް ކަންބޮޑުވެފައެވެ. އެގޮތުން ރަޝިޔާއާއި ޔޫކްރެއިނުން ގޮދަނުގެ 85 އިންސައްތަ އެތެރެކުރާ ތުރުކީއިން ބުނީ އެ މިންވަރު ނުލިބިއްޖެނަމަ އަމިއްލަ ޤައުމުގައި އުފެއްދިދާނެކަމަށާއި ނަމަވެސް އޭރުން ބޮޑުތަނުން އަގު އުފުލިގެންދާނެކަމަށެވެ.

2019 ވަނަ އަހަރު ރަޝިޔާއާއި ޔޫކްރެއިނުން ގޮދަނާއި ޒުވާރީގެ އެންމެ ބޮޑު އިންސައްތައެއް އެތެރެކުރި ޢަރަބި ޤައުމަކީ މިޞްރެވެ. މި ލިސްޓުގެ ދެވަނައިގައި އޮތީ ތުރުކީއެވެ. 2021 ވަނަ އަހަރު މިޞްރާއި ތުރުކީއިން 3.0 މިލިއަން މެޓްރިކް ޓަނާއި 4.5 މިލިއަން މެޓްރިކްޓަނާއި ދެމެދުގެ މިންވަރަކަށް ރަޝިޔާއިން ގޮދަން ގަނެފައިވެއެވެ.

މެދުއިރުމަތީގެ ޒަމާންވީ ޘަޤާފަތްތަކުގައި ގޮދަނާއި ޒުވާރި ބޭނުންކޮށްގެން ތައްޔާރުކުރާ ކާބޯތަކެއްޗަށް އޮންނަ ޑިމާންޑުގެ ސަބަބުން، އުފެއްދުންތައް އަގުބޮޑުވުމަކީ އެ ޤައުމުތަކުގެ ޢާއްމު މަސްލަޙަތަށްވެސް ބުރުއަރާނެކަމެއްކަމަށް ބައެއް ތަޖުރިބާކާރުން ދެކެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާގެ އަސަރު ބައިނަލްއަޤްވާމީ އެކި ވިޔަފާރިތަކަށް ކުރަމުންދާއިރު، ޙަމަލާތައް ދިގުލައިގެންދާނަމަ ސަޕްލައި ޗެއިންގެ ދަތިކަމާއި، ޑިމާންޑާއި އެއްވަރަށް ތަކެތި ނުލިބުމުގެ މައްސަލައިގެއިތުރުން އިންފްލޭޝަން އިތުރުވެގެންދާ ދިއުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުވެސް އުފުލެމުންދާނެކަމަށް ދިރާސާކުރާފަރާތްތަކުން ދަނީ ބުނަމުންނެވެ.