ވިޔަފާރި

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފި


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު ހިފެހެއްޓުމެއްނެތި އުފުލެމުން ދަނިކޮށް ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ހިނގަންފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށްދާ ނިސްބަތްވަނީ އިތުރަށް ހަލުވިވެފައިވާކަމަށެވެ.

އެހެންކަމުން، 5 މާރިޗު އިން ފެށިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ތެޔޮ ލިބޭނެ އަގުތަކަށް ބަދަލުގެނެސްފައިވާކަމަށެވެ. އެގޮތުން މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ 14.60 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް ލިބޭނީ 14.80 ރުފިޔާއަށެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް މިދިޔަ މަހުގެ 13 ވަނަ ދުވަހުވެސް އެ ކުންފުނިން ވަނީ ބަދަލުގެނެސްފައެވެ. އެއިރު ޕެޓްރޯލް ލީޓަރެއް ވިއްކާފައިވަނީ 12.98 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާފައިވަނީ 13.04 ރުފިޔާއަށެވެ. އެސްޓީއޯއިން ތެލުގެ އަގަށް މިހާރު މިގެނައި ބަދަލާއިއެކު ޕެޓްރޯލް ލީޓަރަކުން 1.65 ރުފިޔާ އަދި ޑީސަލް ލީޓަރަކުން 1.76 ރުފިޔާގެ ބޮޑުވުމެކެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށްކަމަށެވެ.