ކުޅިވަރު

ގްރީން ބަލިކޮށް ސަސްއިން ފުރަތަމަ މޮޅު ހޯދައިފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިން ލީގްގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މިމެޗް ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މިމެޗަށް ނިކުތުމުގެ ކުރިން ސަސްއިން ލީގުގައި ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. މިއާއެކު ގްރީން ބަލިކޮށް، ސަސްއިން ހޯދި ޕޮއިންޓާއެކު އެޓީމުވަނީ ތާވަލްގެ 6ވަނައަށް ޖެހިލާފައެވެ. އަދި މިމެޗުން ބަލިވުމާއި ގުޅިގެން ގްރީން ސްޓްރީޓްސްއަށް ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލަން ލިބުނު ފުރުސަތުވަނީ ގެއްލިފައެވެ.

މެޗްގައި ދެ ޓީމްގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެންމެ ފުރަތަމަ ގޯލެއް ޖަހަން ފުރުސަތު ލިބުނީ ސަސްއަށެވެ. ސަސްގެ އަހުނަފް ރަޝީދު އުފައްދަން މަސައްކަތް ކުރި ހަމަލާ ވީ ބޭކާރެވެ. ދެ ޓީމުންވެސް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތުތަކެއް ދިޔައީ ތަނަވަސް ކުރަމުންނެވެ. މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް މެޗްގެ 20ވަނަ މިނެޓްގައި ސަސްއަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އަތީގު ހަސަންއެވެ. މިލަނޑަށްފަހު ވެސް މެޗްގައި މޮޅަށް ކުޅެފައިވަނީ ސަސްއިންއިންވެ. އަދި މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސަސްގެ ޔަސްފާދު ހަބީބަށް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޔަސްފާދު ގޯލައި ދިމާލަށް ފޮނުވާލި ބޯޅަވަނީ ގްރީންގެ ކީޕަރު ހަނީފް ސާގިބު ދިފާޢުކޮށްފައެވެ.

މެޗްގެ ދެވަނަ ހާފް ފެށުމާއެކު ގްރީންއިން ގޯލެއް ޖެހުމަށް ކުރިއަށް ޖެހިލައިގެން ކުޅެންފެށިއެވެ. އެގޮތުން ގްރީންގެ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް އަންސަރު އިބްރާހިމަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. މެޗް ނިމެން 5 މިނެޓްއަށްވެފައިވަނިކޮށް ނަތީޖާ ހަމަހަމަކުރުމަށް ގްރީންގެ މިޑްފިލްޑަރު ޖޯޑީ ގޯލާއި ދިމާލަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅަވަނީ ސަސްގެ ކީޕަރު މުޙައްމަދު ޝަފީއު ދިފާއުކޮށްފައެވެ.

މިމެޗްގެ ދެވަނަ ހާފްގައި ގިނަ ފައުލްތަކެއް ފެނިގެންދިޔައިރު، ދެ ޓީމުން ވެސް ދިޔައީ ރެފްރީގެ ބައެއް ނިންމުންތަކާއި ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަދި މިމެޗްގައި ގިނަ ކާޑުތަކެއް ވެސް ފެނިގެންދިޔައެވެ. މެޗްގެ އިތުރުވަގުތުގެ ތެރޭގައި ގްރީންގެ ކެޕްޓަން ރިޟްވާން ވަހީދަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.