ކުޅިވަރު

ޓީސީ ބަލިކޮށް ވެލެންސިޔާއިން ތާވަލްގެ ދެވަނައަށް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބް ވެލެންސިޔާ ބަލިކޮށް، ޓީސީ ސްޕޯޓްސް ކުލަބުން ތާވަލްގެ ދެވަނަ މަގާމަށް ޖެހިލައިފިއެވެ. ތާވަލްގައި ވެލެންސިޔާއިން ކުރިއަށް ޖެހިލާފައިވަނީ 1 ލަނޑު 0 ލަނޑުން ޓީސީ ސްޕޯޓްސް ކުލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މެޗް ފަށައިގެން އެންމެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ޓީސީއިންނެވެ. އެޓީމުގެ ފޯވާޑް މުހައްމަދު މުސްލިހު ގޯލް ޖަހަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. މެޗް ފަށައިގެން ކުލަބް ވެލެންސިޔާއަށް މާރަގަނޅު ކުޅުމެއް ދެއްކިފައިނުވާއިރު، މެޗްގެ ފެށިގެން ކުރިއަށްދިޔަ ވަރަކަށް ވެލެންސިޔާއިންވަނީ މެޗްގެ ތެރެއަށްވަދެ، ނުރައްކާތެރި ހަމަލާތަށް އުފައްދަން މަސައްކަތްކޮށްފައެވެ. އެގޮތުން އެޓީމުންވަނީ ފުރަތަމަ ހާފްގެ 10ވަނަ މިނެޓްގައި މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައެވެ. ޕެނަލްޓީއަކުން މިލަނޑު ވެލެންސިޔާއަށް ކާމިޔާބުކޮށްދިނީ ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިންއެވެ. މިއީ ވެލެންސިއާގެ ޢަބްދުﷲ ޔާމީނަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ވެލެންސިޔާއިން ލަނޑު ޖެހުމާއެކު، ލަނޑެއް ޖެހުމަށް ޓީސީއިން ކުރިއަށް ޖެހިލައިގެން ކުޅެންފެށިއެވެ. ޓީސީއިން ވެލެންސިޔާގެ ގޯލާއި ދިމާލަށް ފޮނުވާލަން މަސައްކަތްކުރި ގިނަ ބޯޅަތައް ވަނީ ވެލެންސިޔާގެ ކީޕަރު ފައިސަލް މަތަކޮށްފައެވެ. މެޗްގެ 32ވަނަ މިނެޓްގައި ވެލެންސިޔާގެ ޑިފެންޑަރު ހޯސޭ ޑޮމިންގޭޒް ވަނީ ގޯލެއް ޖަހާފައެވެ. ނަމަވެސް ރެފްރީ ވަނީ އެއީ ލަނޑެއް ނޫންކަމަށް ނިންމާފައެވެ. އަދި ވެލެންސިޔާގެ ޔާމީނަށް ގޯލް ޖަހަން ލިބުނު ފުރުސަތުގެ ބޭނުންވެސް އޭނާއަށް ހިފޭގޮތެއް ނުވިއެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް އެންމެ ކުރީކޮޅުގައި މޮޅަށް ކުޅެފައިވަނީ ޓީސީ ސްޕޯޓްސް ކުލަބުންނެވެ. އެޓީމްގެ މުހައްމަދު މުސްލިހު ފޮނުވާލި ބޯޅަވަނީ ވެލެންސިޔާގެ ކީޕަރު ފައިސަލް މަތަކޮށްފައެވެ. އޭގެ ފަހުން މެޗްގެ 66ވަނަ މިނެޓްގައި ވެލެންސިޔާގެ ޔާމީން ފޮނުވާލި ހަމަލާ ޓީސީގެ ގޯލާއި ދިމާނުވެ ދިޔައީ ހުރަސްދަނޑި މަތިންނެވެ. އދި އޭގެ ފަހުން ވެސް ވެލެންސިޔާގެ ކުޅުންތެރިން ޓީސީގެ ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ވަނީ އެޓީމުގެ ކީޕަރު ލަންކާގެ ސުޖަން ޕެރޭރާ ސަލާމަތްކޮށްފައެވެ.

މެޗް ނިމެން މިނެޓަކަށްވެފައިވަނިކޮށް، އަހުމަދު ރިޟްވާނަށް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ރިޟްވާން ގޯލާއި ދިމާލަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅަވަނީ ޓީސީގެ ކެޕްޓަން މުހައްމަދު އަޖުފާން ބްލޮކްކޮށްފައެވެ.