ޚަބަރު

ދިވެހިން ފާހަގަކުރާ ދުވަސްތަކުގެ މައުލޫމާތު ޒުވާން ޖީލަށް ފޯރުކޮށްދޭން ހާއްސަ އިސްކަމެއްދެން: ނަޛީރު


ދިވެހިންނަށް ޚާއްސަ އެކިއެކި ދުވަސްތަކާއި ގުޅިގެން އަންނަ ވާހަކަތަކާއި ފުރިހަމަ މަޢުލޫމާތުތައް، ޒުވާން ޖީލާއި ހަމައަށް ގެނެސްދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއާޒް އަލީ ނަޛީރު ވިދާޅުވެއްޖެއެވެ.

މިއަދަކީ މިއަހަރުގެ ޝަހީދުންގެ ދުވަހަށްވާއިރު، ދުވަހާއި ގުޅިގެން ރަސްމީ ހަރަކާތްތައް ހިނގަމުންދަނީ ފުވައްމުލައް ސިޓީގައެވެ. އެގޮތުން ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ހޯމް މިނިސްޓްރީގެ ފަރާތުން ފުވައްމުލައް ސިޓީގައި ދަނީ އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ.

މި ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ ޝަހީދުންގެ ދުވަހާއި ގުޅޭ ކުރެހުމުގެ މައުރަޒެކެވެ. މައުރަޒަށް ކުރެހުންތައް ހުށަހެޅުމުގެ ފުރުޞަތު ދިނީ "ޤައުމިއްޔަތު" މައުޟޫއަށް ބިނާކޮށެވެ. މި މައުރަޒު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާޙިމް ހަސަންއެވެ.

ފުވައްމުލަކު ސިޓީގައި ހުޅުވި ކުރެހުމުގެ މައުރަޒުގެ ތެރެއިން ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ވިދާޅުވީ މިފަދަ އެގްޒިބިޝަންތަކުން، ޒުވާނުން މިފަދަ ދުވަސްތަކަށް ބަހައްޓާ ޝައުގުވެރިކަމާއި އެމީހުންގެ ފަންނަނު ވަރަށް ރަނގަޅަށް ފެނިގެން ހިނގައްޖެކަމަށެވެ.

" އަޅުގަނޑު އުއްމީދުކުރަނީ މިއެގްޒިބިޝަންއާ އެކީގައި ޒުވާނުންގެ ހިތްތަކުގައި ޤައުމީ އެކިއެކި ކަންކަމަށް ޤައުމީ އެކިއެކި ހަފްލާތަކަށް, ފާހަގަކުރެވޭ ޤައުމީ އެކިއެކި ދުވަސްތަކާ ގުޅިގެން ހިނގާފައިވާ ހާދިސާތަކަށް ސަމާލުކަން އިތުރުވެ, ޝައުޤުވެރިކަން އުފެދިގެންދާނެކަމަށް." ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ވިދާޅުވީ މިފަދަ ހުނަރުތަކަކީ ރާއްޖޭގައި ކުރިއަރުވާ ދިރުވާ އާލާކުރަންޖެހޭ ކަންކަންކަމަށާއި, މިކަންކަމަކީ ދިވެހިރާއްޖޭގައި އިޤްތިޞާދީގޮތުން ނަފާހޯދޭ ކަންކަމަށެވެ. އަދި ޒުވާނުންނަށް މިފަދަ ކަންކަމުގެ ސަބަބުން އާމްދަނީ ލިބޭނެ ގޮތްތައް ފަހިވެގެންދާ މިންވަރަށް ޒުވާނުންގެ ހުނަރު އިތުރުވެ, ޒުވާނުން ކުރާ މަސައްކަތް ބަލައިގަންނަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ކުރެހުމުގެ މުބާރާތުގެ އިތުރުން ޝަހީދުންގެ ދުވަހާ ގުޅޭ ސުވާލު މުބާރާތެއްވެސް ފުވައްމުލަކު ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ވަނީ ބާއްވާފައެވެ. އަދި ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ފުވައްމުލަކު ސިޓީގައި އޮންނާނެއެވެ. ޝަހީދުގެ ދުވަހުގެ ހަރަކާތްތައް ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދަނީ ހޯމް މިނިސްޓްރީއާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެންނެވެ.