ކުޅިވަރު

ފީފާ ބަލޮންޑޯ ފަސްވަނަ ފަހަރަށް ބާސެލޯނާގެ މެސީއަށް !


ފީފާ ބަލޮންޑޯ ނުވަތަ ފީފާއިން ހޮވާ 2015 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ބާސެލޯނާގެ ފޯވާޑް ލަޔަނެލް މެސީ ފަސްވަނަ ފަހަރަށް އުފުލާލައިފިއެވެ. ފީފާ ބަލޮންޑޯ މެސީ އުފުލާލީ ރިއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ބާސެލޯނާގެ ނޭމާއާއި ވާދަކޮށްގެނެވެ. މެސީވަނީ ނިމިގެންދިޔަ ދެހާސް ފަނަރަވަނަ އަހަރު ބާސެލޯނާއާއިއެކު ފަސް ޓްރޮފީ އުފުލާލާފައެވެ. އެއީ ސްޕެނިޝް ލަލީގާ، ކޮޕަ ޑެލްރޭ، ޔުއެފާ ޗެމްޕިއަންސް ލީގް، ޔޫއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕެވެ. ބާސެލޯނާއާއިއެކު މިދިޔަ އަހަރު މެސީއަށް އުފުލާ ނުލެވުނު ހަމައެކަނި ޓްރޮފީއަކީ ސްޕެނިޝް ސުޕަ ކަޕެވެ. މެސީވަނީ މިދިޔަ އަހަރު ބާސެލޯނާއަށް ކުޅެދިން ފަސްދޮޅަސް އެއް މެޗުގައި ފަންސާސް ދެ ގޯލް ޖަހާދީފައެވެ. މީ މެސީ ފީފާ ބަލޮންޑޯ އުފުލާލި ފަސްވަނަ ފަހަރެވެ. މީގެ ކުރިން އޭނާވަނީ 2009، 2010، 2011، އަދި 2012ގައި މި އެވޯޑް އުފުލާލާފައެވެ. ފީފާ އަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ އެމެރިކާގެ ކާލީ ލޮއިޑެވެ. އަހަރުގެ އެންމެ މޮޅު ފިރިހެން ކޯޗްގެ މަގާމް ބާސެލޯނާގެ ކޯޗް ލުއިސް އެންރީކޭ ހޯދިއިރު، އަހަރުގެ އެންމެ މޮޅު އަންހެން ކޯޗްގެ މަގާމް ހޯދީ އެމެރިކާގެ ގައުމީ ޓީމަށް އެންމެ ފަހުގެ ވޯލްޑްކަޕް ހޯދައިދިން ކޯޗް ޖިލް އެލިސްއެވެ. އަހަރުގެ އެންމެ ރީތި ގޯލް ނުވަތަ ފީފާ ޕުސްކަސް އެވޯޑް  ހޯދީ ބްރެޒިލްގެ ހަތަރުވަނަ ޑިވިޝަންގެ ކްލަބެއްކަމަށްވާ ވިޔަ ނޯވާއަށް ކުޅެމުން އަންނަ ވެންޑެލް ލީރާއެވެ. ބްރެޒިލްގެ ސްޓޭޓް ލީގުގައި މިދިޔަ އަހަރު އޭނާ ޖެހި ގޯލް އެއްވަނަ މަގާމް ހޯދީ ބާސެލޯނާގެ ފޯވާޑް މެސީ ޖެހި ހިތްގައިމު ގޯލަކާއި ވާދަކޮށެވެ.