ކުޅިވަރު

8 ބޯލް އެސޯސިއޭޝަން ކަޕްގެ ޗެންޕިއަންކަން ޝާޒަށް


8 ބޯލް އެސޯސިއޭޝަން ކަޕްގެ ޗެންޕިއަންކަން ހަސަން ޝާޒް މުޙައްމަދު ހޯދައިފިއެވެ. ޝާޒް ޗެންޕިއަންކަން ހޯދާފައިވަނީ 9 ފްރޭމް 6 ފްރޭމުން އިސްމާއިލް ޖީހާން އާއި ވާދަކޮށް މެޗް ކާމިޔާބުކޮށްގެންނެވެ. މިއީ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން މިއަހަރު ބޭއްވި ފުރަތަމަ މުބާރާތެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ކުރީކޮޅުގައި އިސްމާޢީލް ޖީހާން ވަނީ މޮޅު ކުޅުމެއްދައްކާފައެވެ. ނަމަވެސް ފައިނަލް މެޗްގައި ހިތްވަރު ދޫކޮށް ނުލާ ހަސަން ޝާޒް ވަނީ ފަހަތުން އަރާ މެޗް ކާމިޔާބުކޮށްފައެވެ. މިމުބާރާތުގައި 76 ކުޅުންތެރިން ވާދަކޮށްފައިވެއެވެ. މުބާރާތުގައި ފުރަތަމަ ކުޅުނީ ހުރިހާ ކުޅުންތެރިން 16 ގްރޫޕަކަށް ބަހާލައިގެންނެވެ. އޭގެ ފަހުން ކޮންމެ ގްރޫޕަކުން އެންމެ މޮޅު 2 ކުޅުންތެރިން ނޮކްއައުޓް ބުރަށް ދަތުރުކޮށް ނޮކްއައުޓް ބުރުގެ މެޗުތައް ކުރިއަށް ގެންދިޔައީއެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 175 މެޗުވަނީ ކުޅެފައެވެ.

8 ބޯލް އެސޯސިއޭޝަން ކަޕުގެ ފައިނަލް މެޗަށް ފަހު ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ ގައުމީ ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖޯޒީ ހަވާލުކޮށްފައެވެ. ގައުމީ ފިރިހެން ޓީމްގައި ހިނެނޭ ފިރިހެން ކުޅުންތެރިންނަކީ ހަސަން ޝާޒް، ހުސައިން ފަޔާޒް، މުހައްމަދު ޝަރީފް، ހަސަން ޝަފްރާޒް، އިސްމާއިލް ސުވެއިދު، މުހައްމަދު ސާހިލް، އަލީ ފަޔާޒް އަދި އިސްމާއިލް ޖީހާންއެވެ. ފިރިހެން ޓީމްގެ ދެ އޮފިޝަލުންނަކީ ހުސައިން ސަނީފު އާއި ޝާޒީޏް ސަމަދުއެވެ. ގައުމީ އަންހެން ޓީމް ހިމެނެނީ 4 ކުޅުންތެރިންނެވެ. އާމިނަތު ފާތީ، ދީނާ އަހުމަދު، އާމިނަތު އަޒްރާ އަދި ފަޒްނާ މޫސާއެވެ. މި ޓީމްގެ ދެ އޮފިޝަލުންނަކީ މުހައްމަދު އަކްސަމް ވަޙީދާއި އަހުމަދު ޒިޔާންއެވެ.

8 ބޯލް އެސޯސިއޭޝަން ކަޕަށްފަހު އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވަނީ 8 ބޯލް ޗެމްޕިއަންޝިޕެވެ. އިންޓަ އޮފީސް ބިލިއާޑް މުބާރާތް ބެއްވުމަށް ފަހު ޖޫން މަހު މޯލްޑިވްސް އޯޕަންގެ ނަމުގައި ބައިނަލްއަގްވާމީ މުބާރާތެއް ބާއްވަން ތާވަލްކޮށްފައިވާއިރު، އޮގަސްޓް މަހު އޮންނާނީ 10 ބޯލް އެސޯސިއޭޝަން ކަޕެވެ.