ތަޢުލީމު

ދާއިމީ ޕްރިންސިޕަލުން ނެތް ސްކޫލްތަކަށް 3 އަހަރުތެރޭ ޕްރިންސިޕަލުން ހަމަޖެހޭނެ: މިނިސްޓަރ


ޕްރިންސިޕަލުންގެ ސްކޮލަރޝިޕް ޕްރޮގްރާމާއެކު، ދާއިމީ ޕްރިންސިޕަލުން ނެތް ސްކޫލްތަކަށް ކުރިއަށްއޮތް 3 އަހަރުގެ ތެރޭގައި ތަމްރީން ލިބިފައިވާ ޤާބިލު ދިވެހި ޕްރިންސިޕަލުން ހަމަޖެހިގެން ދިއުމަކީ އަމާޒެއްކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ޕްރިންސިޕަލުންގެ ސްކޮލަރޝިޕް އެވޯޑްކުރުމަށް ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީންކުރުމަށް ހިންގާ ސްކޮލަރޝިޕް ޕްރޮގްރާމަކީ ރޭވުންތެރިކަމާއި އަދި ދެމެހެއްޓެނިވިގޮތެއްގައި ޤާބިލު ޕްރިންސިޕަލުން އުފެއްދުމަށް އެޑިއުކޭޝަން މިނިސްޓްރީން ތަޢާރަފުކުރި ޕްރޮގްރާމެެކެވެ. 3 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން ހުރިހާ ޚަރަދެއް ކުރާނީ ސަރުކާރުންނެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ސްކޮލަރޝިޕް ލިބިވަޑައިގެންނެވި ޕްރިންސިޕަލުންނަށް އެކަމުގެ ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ރަނގަޅު ފެންވަރުގެ ޕްރިންސިޕަލުން ހޯދުމުގެ މަސައްކަތް އެކި ދުވަސްވަރު އެކިގޮތްގޮތަށް ކުރެވިފައިވާކަމަށެވެ. ނަމަވެސް ދެމެހެއްޓެނިވި އަދި ރޭވުންތެރިގޮތެއްގައި މިހާތަނަށް އެ މަސައްކަތްކުރެވިފައި ނެތުމުގެ ނަތީޖާއެއްގެގޮތުން ސަރުކާރުން ހިންގާ 216 ސްކޫލަށް ހަމަވާވަރަށް ތަމްރީން ލިބިފައިވާ ޕްރިންސިޕަލުން ހޯދުމަށް ދަތިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އަލަށް ތަޢާރަފުކުރެވުނު މި ސްކޮލަރޝިޕް ޕްރޮގްރާމުގެ ސަބަބުން މިހާރު ދާއިމީ ޕްރިންސިޕަލުން ނެތް އަދި ބިދޭސީ ޕްރިންސިޕަލުން ތިބި ސްކޫލްތަކަށް ފެންވަރު ރަނގަޅު ތަމްރީން ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ކުރިއަށްއޮތް 3 އަހަރުގެ ތެރޭގައި ހަމަޖެހިގެން ދިއުމަކީ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ސްކޮލަރޝިޕް މަޝްރޫޢުގެ ދަށުން މިއަދު 20 ބޭފުޅަކަށް ލިޔުން ހަވާލުކުރެވޭނެ. އަދި މި ބޭފުޅުން މި ހިނގާ މާރިޗުމަހުގެ ތެރޭގައި ކިޔެވުން ފެއްޓެވުމަށް މެލޭޝިއާއަށް ދަތުރުކުރައްވާނެ. އަޅުގަނޑުމެންނަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ އަންނަ އަހަރުގެ އޭޕްރީލްމަހު މި 20 ބޭފުޅުން ތަމްރީން ލިބިފައިވާ ނާޒިރުންގެގޮތުގައި އަޅުގަނޑުމެންގެ ސްކޫލްތަކާގުޅިވަޑައިގަތުމުގެ ނަތީޖާއެއްގެގޮތުން އަޅުގަނޑުމެންގެ ސްކޫލްތަކުގެ ހިންގުން ހަރުދަނާވުން" މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ޕްރިންސިޕަލުންގެ ޒިންމާއަކީ ވަރަށް ކޮމްޕްލެކްސް އަދި އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ މަސައްކަތެއްކަމަށެވެ. ނަމަވެސް ރަނގަޅަށް ކުރެވިއްޖެނަމަ އެއީ ދެމިހުންނަނިވި ހިތްހަމަޖެހުމެއް ލިބޭކަމެއްކަމަށެވެ. އަދި ދިރާސާތަކުން ދައްކާގޮތުން ސްކޫލްތަކުގެ ވެރިންނަކީ ކްލާހުގައި ކިޔަވައިދޭ މުދައްރިސުން ފިޔަވައި ދަރިވަރުންގެ ތަޢުލީމަށް އެންމެ ހެޔޮ ބަދަލެއް ގެނެވޭނެ ފަރާތްތައްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ނާޒިރުކަމާ ކުރިމަތިލައްވާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލާނީ ތިޔަ ކުރިމަތިލެވެނީ ގަދަރުވެރި ޒިންމާ ބޮޑު މަސައްކަތަކާއޭ. އެ ޒިންމާގެ ބޮޑުކަން އަބަދުވެސް ތިޔަބޭފުޅުން ހަނދާނުގައި ބަހައްޓަންވާނޭ. ސްކޫލް ހިންގާ ވެރިއެއްގެ ހައިސިއްޔަތުން ތިއިން ކޮންމެ ބޭފުޅަކީ ސްކޫލުގެ ކިޔަވައިދިނުމުގެ ޕްރޮގްރާމް ފަހިކޮށް ކުރިއަށްގެންދެވޭނެ ވެށި ސްކޫލުގައި އުފައްދާ ފަރާތަކަށް ވާންވާނޭ. ބެލެނިވެރިންނާއި އާއިލާތަކާއި ގުޅުންތައް ޤާއިމުކޮށް ދަމަހައްޓާ ފަރާތަކަށްވާންވާނޭ" މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

ޕްރިންސިޕަލުންގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ހޮވުނު 20 ޕްރިންސިޕަލުން މިމަހުގެ ތެރޭގައި ކިޔެވުން ފެށުމަށްޓަކާ މެލޭޝިއާއަށް ދަތުރުކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެބޭފުޅުން މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއިން މާސްޓަރސް އޮފް އެޑިއުކޭޝަނަލް މެނޭޖްމަންޓް ކޯސް ފުރިހަމަކުރުމަށްފަހު 2023 ވަނަ އަހަރުގެ އޭޕްރީލްމަހު ޕްރިންސިޕަލުންގެ ގޮތުގައި ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރައްވަން ފައްޓަވާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގައި ސަރުކާރުން ހިންގާ 216 ސްކޫލުގެ ތެރޭގައި މިވަގުތުވެސް ދާއިމީ ޕްރިންސިޕަލުންނެތް 53 ސްކޫލެއް އެބަހުރިކަމަށެވެ. އަދި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ދާއިމީ ޕްރިންސިޕަލުންގެ ތެރޭގައިވެސް ތަމްރީން ލިބިފައިވަނީ އެންމެ 75 ބޭފުޅުންކަމަށެވެ.