ކުޅިވަރު

އީގަލްސް އާއި ޔޫވީ މެޗް އެއްވަރު


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) މެޗް އެއްވަރުވެ، ތާވަލްގައި ޕޮއިންޓްގެ ގޮތުން ކުރިއަށް ޖެހިލުމުގެ ފުރުސަތު ދެ ޓީމްއަށްވެސް ގެއްލިއްޖެއެވެ. މިމެޗް އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ތާވަލްގެ އެއްވަނައިގައި އޮތްއިރު، ތާވަލްގެ 2ވަނައިގައިވާ ޔުނައިޓަޑް ވިކްޓްރީއަށާއި 3ވަނައިގައިވާ ކުލަބް އީގަލްސް، ކޮންމެ ޓީމަކަށްވެސް، މިމެޗް އެއްވަރުވުމާއި ގުޅިގެން ވަނީ 7 ޕޮއިންޓް ލިބިފައެވެ. ޔޫވީއަށް މެޗުން މޮޅުވެގެން ދެވަނައިގައި ހަމަޖެހިލެވެން އޮތްއިރު، އީގަލްސްއަށް މެޗުން މޮޅުވެގެން ތާވަލަގެ ދެވަނަ މަގާމަށް އެރުމުގެ ފުރުސަތު ލިބުނުނަމަވެސް، މެޗް އެއްވަރުވުމާއި ގުޅިގެން މިހާރުވަނީ އެފުރުސަތު ގެއްލިފައެވެ.

މެޗް ފަށައިގެން ގޯލެއް ޖެހުމަށް އެންމެ ފުރަތަމަ ފުރުސަތު ލިބިގެންދިޔައީ ކުލަބް އީގަލްސްއަށެވެ. މެޗް ފެށިގެން ދެ 2 މިނެޓްވެސް ނުވަނީސް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) ޔޫވީގެ ގޯލަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅަވަނީ ޔޫވީގެ ކީޕަރު އަހުމަދު އަނަފް ޒަރިޔަންދު މަތަކޮށްފައެވެ. ޔުނައިޓެޑް ވިކްޓްރީން ވަނީ މެޗުގައި ލިބުނު ފުރަތަމަ ރަނގަޅު ފުރުސަތުގައި ގޯލެއް ޖަގާ ލީޑު ނަގައިފައެވެ. މިލަނޑު ޔޫވީއަށް މެޗްގެ 7ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމްގެ ބެލަރޫސް ފޯވާޑް އިވާން ވެރާސްއެވެ. މިއީ ކުލަބް އީގަލްސްގެ ކީޕަރު ލެބަނަންގެ މުހައްމަދު ތޯހާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އިވާން ޖެހި ގޯލެކެވެ. ޔޫވީއިން މެޗްގައި ލީޑް ނެގުމާއެކު ކުލަބް އީގަލްސްއިން ޓީމް ކުރިއަށް ޖެހިލައިގެން ކުޅެން ފެށިއެވެ. އެއާއެކު އެޓީމްގެ އަހުމަދު ރިޒްވާންއަށް އަނެއްކާވެސް ގޯލް ޖެހުމަށް ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ރިޒުވާން ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި ސީދާނުވެ، ދަނޑި ކައިރިން ބޭރަށެވެ.

ދެ ޓީމްގެ ފަރާތުންވެސް އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެ ޓީމަށްވެސް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތު ލިބިގެންދިޔައެވެ. އެގޮތުން މެޗްގެ 34ވަނަ މިނެޓްގައި ޔުނައިޓަޑް ވިކްޓްރީގެ އިވާން ވެރާސް އީގަލްސްގެ ގޯލްއާއި ދިމާލަށް ފޮނުވާލި ބޯޅަވަނީ ކީޕަރު ތޯހާ މަތަކޮށްފައެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް ދެ ޓީމްއަށް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތު ލިބިގެންދިޔައެވެ. މެޗްގައި ޔުނައިޓަޑް ވިކްޓްރީއިން ލީޑް ކުރަމުންދިއުމާއި ގުޅިގެން އީގަލްސްއިން މެޗްގެ ދެވަނަ ހާފް ފަށާފައިވަނީ ވަރަށް ވަރުގަދަކޮށެވެ. ދެ ޓީމްގެ ހަމަލާތަށްވެސް ހުއްޓުވުގައި ދެ ޓީމްގެ ޑިފެންޑަރުންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަތަން ފެނިގެންދިޔައެވެ. މެޗްގެ 70ވަނަ މިނެޓްގައި ޔުނައިޓަޑް ވިކްޓްރީއަށް ލީޑް ފުޅާކޮށްދޭން ޓޯނީއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. ޓޯނީ އީގަލްސްގެ ގޯލާއި ދިމާލަށް ފޮނުވާލި ބާރު ބޯޅަ އަމާޒްވީ ގޯލްގެ ފަނޑިއަށެވެ.

ޔުނައިޓަޑް ވިކްޓްރީ މެޗުން މޮޅުވާން ދަނިކޮށް، މެޗް ނިމެން 4 މިނެޓަށް ވެފައިވަނިކޮށް، އީގަލްސްއިން ވަނީ ލަނޑެއްޖަހާ މެޗުން ބަލިވާން ދަނިކޮށް ސަލާމަތްވެފައެވެ. މިލަނޑު މެޗްގެ 86ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި އަލީ އަޒުވާން އަބްދުލްއަޒީޒެވެ. މިލަނޑަށްފަހު ވެސް މެޗްގައި ބާކީއޮތް ވަގުތުގައި އީގަލްސްއިން ލަނޑެއްޖަހާ ލީޑް ނެގުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުނުވެ، މެޗް ނިމިފައިވަނީ އެއްވަރުވެގެންނެވެ.