ކުޅިވަރު

މާޒިޔާއަށް ޕްރިމިއަރ ލީގް ތާވަލްގެ 1ވަނައިގައި 5 ޕޮއިންޓުގެ ލީޑެއް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ބަލިކޮށް މާޒިޔާއިން ތާވަލްގެ އެއްވަނައިގައި 5 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ މާޒިޔާއިން ވަނީ ދަ ގްރާންޑޭގެ މައްޗަށް 3 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ.

މާޒިޔާއިން އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިހާތަނަށް 4 މެޗް ކުޅެފައިވާއިރު، އެޓީމް ވަނީ 4 މެޗްވެސް ކާމިޔާބުކޮށްފައެވެ. ލީގުގައި ދަ ގްރާންޑޭއިން ވެސް 4 މެޗް ކުޅެފައިވާއިރު، ލީގްގެ ފުރަތަމަ މެޗް އެއްވަރުކުރި އިރު، ދެން ކުޅުނު 3 މެޗުންވެސް އެޓީމް ވަނީ ބަލިވެފައެވެ.

މިމެޗް ފަށައިގެން މޮޅަށް ކުޅެފައިވަނީ މާޒިޔާއިންނެވެ. މާޒިޔާއިންވަނީ މެޗް ފެށިގެން 4ވަނަ މިނެޓްގައި ގޯލެއް ޖަހައި ލީޑް ނަގާފައެވެ. މިލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ އެޓީމާއި އަލަށް ގުޅުނު ސްޕެއިނުގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒެވެ. މިއީ މިލީގްގައި ޓާނާ ޖެހި ދެވަނަ ގޯލެވެ. މިގޯލަށްފަހު ވެސް މާޒިޔާއިން ދިޔައީ ދަ ގްރާންޑޭގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗްގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ މާޒިޔާއިން ގޯލް ޖެހުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން އެޓީމުގެ އިބްރާހީމް އައިސަމް ބޮލުން ގޯލާއި ދިމާލަށް ފޮނުވާލި ބޯލަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި މާޒިޔާއިން އުފައްދަން މަސައްކަތްކުރި ބައެއް ހަމަލާތައް ވަނީ ދަ ގްރާންޑޭގެ ކީޕަރު އިސްމާޢީލް ޝިހާމް ވަނީ މަތަކޮށްފައެވެ. މާޒިޔާއިން ވަނީ މެޗްގެ 20ވަނަ މިނެޓްގައި ގޯލެއް ޖަހައި ލީޑް ފުޅާކޮށްފައެވެ. މިލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އިރުފާނެވެ. އިރުފާން މިގޯލް ޖަހާފައިވަނީ މެޗްގައި މާޒިޔާގެ ފުރަތަމަ ގޯލްޖެހި ޓާނާގެ އެހީތެރިކަމައެކުއެވެ. މިމެޗްގައި ދަ ގްރާންޑޭއަށް މާޒިޔާގެ ގޯލާއި ދިމާލަށް ފޮނުވާލެވިފައިވަނީ ވަރަށް މަދު ފުރުސަތެކެވެ. އެގޮތުން ދަ ގްރާންޑޭގެ ލަންކާ މިޑްފީލްޑަރު ޗަމޯދު ދިލްޝާނާއި ކެޕްޓަން ގާސިމް ސައްމާމުއަށް ލިބުނު ފުރުސަތުގެ ބޭނުން އެކުޅުންތެރިންނަށް ހިފޭ ގޮތެއް ނުވިއެވެ.

މިމެޗްގެ ދެވަނަ ހާފްގައިވެސް ގިނަ ވަގުތު ގޯޅަ ގެންގުޅެ، ގިނަ ހަމަލާތައް އުފައްދާފައިވަނީ މާޒިޔާއިންނެވެ. މެޗްގެ ފުރަތަމަ ހާފެކޭ އެއްގޮތަށް މެޗްގެ ދެވަނަ ހާފްވެސް މާޒިޔާއިން ފެށީ ގޯލަކާއެކުއެވެ. މާޒިޔާގެ ތިންވަނަ ލަނޑު މެޗްގެ 51ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ކޯނޭއެވެ. މެޗްގެ ފުރަތަމަ ހާފެކޭ އެއްގޮތަށް މެޗްގެ ދެވަނަ ހާފްގައިވެސް ދަ ގްރާންޑޭއަށް މާ ނުރައްކާތެރި ހަމަލާއެއް މާޒިޔާގެ ގޯލަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

ލީގުގައި މާޒިޔާ އިން ކުޅުނު ހަތަރު މެޗުން އެޓީމް މޮޅުވެފައިވާއިރު، ބައިކޮޅަށް ގޯލެއް ނުވަދެ، ދިވެހި ޕްރިމިއާ ލީގު ތާވަލްގެ އެއްވަނައިގައި މާޒިޔާ އޮތީ 12 ޕޮއިންޓާއެކުގައެވެ. ތާވަލްގެ 2ވަނައިގައިވާ ޔުނައިޓަޑް ވިކްޓްރީއަށާއި 3ވަނައިގައިވާ ކުލަބް އީގަލްސް، ކޮންމެ ޓީމަކަށް ވެސް 7 ޕޮއިންޓް ވަނީ ލިބިފައެވެ. 6 ޕޮއިންޓާއެކު ތާވަލްގެ 4ވަނައިގައި އޮތީ ކުލަބް ވެލެންސިޔާއެވެ.