ވިޔަފާރި

ސައުތުކޮރެއާގެ ފަތުރުވެރިން އިތުރުކުރުމަށް ޚާއްސަ ވެބިނަރއެއް ބާއްވައިފި


ސައުތުކޮރެއާ މާކެޓްގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން އިތުރު ކުރުމަށް ކަނެކްޓް ވިތް މޯލްޑިވްސް - ޔޯ ސޭފް ހޭވަން"ގެ ނަމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން ވެބިނަރއެއް ބާއްވައިފިއެވެ.

މި ވެބިނާގައި ސައުތް ކޮރެއާގެ މަތީ ފަންތީގެ ޓްރެވަލް އެޖެންޓުން ބައިވެރިވިއެވެ.

ސައުތްކޮރެއާ މާކެޓަށް އަމާޒުކޮށްގެން ބޭއްވި މި ވެބިނާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އޮޕަރޭޓިން އޮފިސަރ، ތައްޔިބް މުހައްމަދު ވަނީ ރާއްޖޭގައި ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމަތު ވެބިނާގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. އަދި މަންޒިލްގެ އެންމެ ފަހުގެ މައުލޫމަތުތަކާއި، ރާއްޖޭގައި ފަތުރުވެރިންނަށް ހުރި އެކި ބާވަތުގެ އެކޮމޮޑޭޝަން ފުރުސަތުތަކާއި، ރާއްޖެއިން ފަތުރުވެރިންނަށް ތަޖުރިބާ ކުރެވޭ ތަފާތު ތަޖުރިބާތަކުގެ މައްޗަށްވެސް ތައްޔިބް ވަނީ އަލިއަޅުއްވާލާފައެވެ.

މި ވެބިނާގެ މައިގަނޑު މަޤްސަދަކީ ރާއްޖެއަކީ ސައުތް ކޮރެއާގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. މިގޮތުން ރާއްޖެއަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޤައުމެއްކަމުން މިއީ ފަތުރުވެރިންނަށް ރައްކާތެރިކަން ކަށަވަރުވާ މަންޒިލެއްކަން ވެބިނާގެ ބައިވެރިންނަށް ވަނީ ދައްކުވައިދީފައެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި އަޅާފައިވާ ހަރުދަނާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، މަންޒިލާ ގުޅޭ ޓްރެވަލް ގައިޑްލައިންތަކުގެ އިތުރުން ދިވެހިރާއްޖޭގެ ކޮވިޑް ހާލަތުގެ އެންމެ ފަހުގެ މައުލޫމާތުވެސް ވަނީ ވެބިނާގެ ބައިވެރިންނާ ހިއްސާކޮށްފައެވެ.

މި ވެބިނާ ކުރިއަށް ގެންގޮސްފައި މިވަނީ ސައުތް ކޮރެއާގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެމްއެމްޕީޢާރުސީއިން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓެޖީގެ މަޤްސަދަކީ ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލްކަމުގައި ދަމަހައްޓާ، ސައުތް ކޮރެއާގެ ބޯޑަރު އަލުން ހުޅުވުމުން މި މާކެޓުން ރާއްޖެ ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުކުރުމެވެ.

މިދިޔަ އަހަރު ރާއްޖެއަށް ސައުތު ކޮރެއާއިން 6839 ފަތުރުވެރިން ވަނީ އައިސްފައެވެ. ސައުތް ކޮރެއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން މިދިޔަ އަހަރު ވަނީ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.