ދީން

" ރާއްޖޭގައި އިސްލާމްދީން ފެތުރުނީ ހީނުކުރާހާ ބާރުމިނެއްގައި "


ރާއްޖެ އިސްލާމްވުމަށް ފަހު، ބައްރުގެ އެހެން ޤައުމުތަކުގައި ދީން ފެތުރިގެން ނުދާހާ ބާރުމިނުގައި ރާއްޖޭގައި އިސްލާމްދީން ފެތުރިގެން ގޮސްފައިވާކަމަށާއި، މިހެންވާން ޖެހުނީ އޭރުގެ ދައުލަތުން ގެންގުޅުނު ހަރުދަނާ އުޞޫލް ތަކުގެ ސަބަބުން ކަމަށް ދިފާއީ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް މިރޭ ދިފާއީ ބާރުން އިންތިޒާމްކޮށްގެން ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ،ރާއްޖެ އިސްލާމް ކުރުމަށް ކުރި މަސައްކަތުގައި އެއްވެސް ކަހަލަ، ހަނގުރާމައެއް ނުވަތަ ލޭއޮހޮރުވުން ފަދަ އަމަލެއް ހިންގާފައި ނުވާކަމަށާއި، އަދި އިސްލާވުމަށް ފަހުވެސް އިސްލާމް ދީން ފެތުރުމުގެ މަސައްކަތް ކޮށްފައިވަނީ ވަރަށް ވިސްނުންތެރިކަމާއި އެކުގައި ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގައި އިސްލާމްދީން ފެތުރި މިއަދާއި ހަމަޔަށް އިސްލާމްދީން ރާއްޖޭގައި އޮތް އޮތުން އެއީ ދިވެހީންނަށް ލިބިފައިވާ މަތިވެރި ނިއުމަތެއް ކަމަށެވެ.މި ހަފްލާގެ ޝަރަފްވެރި މެހެމާން، ކިރީތިޤުރުއާނާއި ބެހޭ މަރުކަޒުގެ ޑިރެކްޓަރ އަބްދުލް އަޒީޒް ހުސައިންގެ ވާހަކަފުޅުގައި، އިސްލާމީ ތާރީޚްގެ ތެރެއިން ބައެއް މިސާލު ނަންގަވާ އޭގެ އިބްރަތުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި އިސްލާމް ދީނުގެ ނަމުގައި ދުނިޔޭގެ ބައެއް ކަންކޮޅުތަކުގައި އިސްލާމް ދީނާއި ޚިލާފް ހަރުކަށި ،ނުބައި އަމަލުތައް ހިންގަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން މުސްލިމް ޤައުމުތައް ހަލާކުގެ ތެރެއަށް ވެއްޓިގެންދާކަން ފާހަގަކުރެއްވިއެވެ.އަދި ޖިހާދުގެ ނަމުގައި ހިންގާ ބައެއް ހަރަކާތްތަކުގައި ބައިވެރިވުމަށް ދިވެހިންވެސް އާއިލާދޫކޮށް ދާކަން ފާހަގަ ކުރެއްވިއެވެ. މިރޭގެ ޖަލްސާގައި ވަނީ ދުވަހާއި ގުޅުވައިގެން ޚާއްޞަ ދުޢާއެއްވެސް ކޮށްފައެވެ.