ޚަބަރު

ޒުހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް މާދަމާރޭ ބޭރަށް ފޮނުވާނެ


މަރުވެފައި އޮއްވާ ގަލޮޅު ދޫހިމެރި
ގޯޅީގެ ތެރެއިން ފެނުނު 23 އަހަރުގެ ޙައްވާ ޒުހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް
ހެދުމަށް މާދަމާރޭ ރާއްޖެއިން ބޭރަށް ފޮނުވަން ހަމަޖެހިފައިވާކަމަށް ފުލުހުން
ވިދާޅުވެއްޖެއެވެ.



ފުލުހުންގެ ކްރައިމް
އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން
އާދަމް ވިދާޅުވީ ޙައްވާ ޒުހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވަން
ހަމަޖެހިފައިވަނީ އިންޑިޔާގެ ޓްރިވެންޑްރަމްއަށް ކަމަށެވެ. މިކަމާ ގުޅޭގޮތުން
ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށާއި ހަމަޖެހިފައިވާ
ގޮތުގެމަތިން މާދަމާރޭ ޙައްވާ ޒުހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިޔާއަށް
ފޮނުވާލެވޭނެ ކަމަށް ޙުސައިން އާދަމް ވިދާޅުވިއެވެ.



ޙައްވާ ޒުހާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި 2016 ޖެނުއަރީ 9 ވަނަދުވަހު
ޢުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 50 އަހަރުގެ ދިވެހި އަންހެނަކު ވަނީ
ހައްޔަރުކޮށްފައެވެ.



ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އެދެމީހުން ހައްޔަރުކޮށްފައިވަނީ
ކޯޓުއަމުރެއްގެ ދަށުންނެވެ. އެދެމީހުން ހައްޔަރުކުރުމަށްފަހު އެދެމީހުން
ދިރިއުޅޭގެ ބަލައި ފާސްކޮށް ތަޙުޤީޤަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ
ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ. އެ 2 މީހުންގެ ތެރެއިން އަންހެން މީހާގެ
ބަންދަށް 5 ދުވަސް އަދި ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން
ދީފައިވަނީ 2016 ޖެނުއަރީ 9 ވަނަ ދުވަހުއެވެ.