ވިޔަފާރި

ފަތުރުވެރިކަމުގައި އޭވިއޭޝަން ސިނާއަތަކީ އެންމެ މުހިންމު އެއް އަސާސް: ތޮއްޔިބް


އޭވިއޭޝަން އިންޑަސްޓްރީ އަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް އަސާސްކަމުގައި އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވެއްޖެއެވެ.

ދުބާޢީގައި ބޭއްވި 9 ވަނަ އަރަބް އެވިއޭޝަން ސަމިޓުގައި ވާހަކަ ދައްކަވަމުން ތޮއްޔިބް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރަކީ މި ސިނާޢަތަށް އެންމެ ބޮޑު ގޮންޖެހުމާއި ކުރިމަތިވި ދެ އަހަރު ކަމަށެވެ. އެގޮތުން ދުނިޔެއަށް ކުރިމަތިވި ޢާލަމީ ވަބާގެ ތެރެއިން އޭވިއޭޝަން އިންޑަސްޓްރީއަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް އެކަމުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އެޅުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ހިނދު އެމްއެމްޕީއާރްސީން އެ ހާލާތުގައިވެސް އެއަރލައިންތަކާއި ގާތް ގުޅުމެއް ބާއްވަމުން ދިޔަ ކަމަށް ތޮއްޔިބް ވިދާޅުވިއެވެ. އަދި މިއާއެކު ހުއްޓިގެން ދިޔަ މި ސިނާޢަތުގެ ތެރެއިން މިހާރު އަލުން އިޔާދަކޮށް ރާއްޖެއަށް 35 އެއަރލައިނަކުން ދަތުރުތައް ކުރަމުންދާކަން އެމްއެމްޕީއާރްސީން ފާހަގަ ކުރިއެވެ.

އަދި ރާއްޖޭއިން މި ސިނާޢަތުގެ ކުރީގައި ހަރަކާތްތެރިވަނީ ވަރަށް މުހިންމު ފިޔަވަޅުތަކާއިއެކުކަން ފާހަގަކުރެއްވިއެވެ. އެގޮތުން އާލަމީ ވަބާގެ ތެރެއިން ރާއްޖެއިން ރައްކާތެރި މަންޒިލަކަށް ހެދުމަށް ގިނަ މަސައްކަތަކެއް ކުރިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޖަޒީރާވަންތަކަން ބޭނުން ކުރީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމާއި ރާއްކާތެރި މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ދެއްކުމަށްކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

މެދުއިރުމަތީ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ މާކެޓެކެވެ. އެގޮތުން މެދުއިރުމަތީގެ އެއަރލައިންއަކާއެކު 2021 ވަނަ އަހަރު މި މާކެޓު ވަރަށް ބޮޑަށް ފުޅާވެފައިވާކަން ތޮއްޔިބު ފާހަގަ ކުރެއްވިއެވެ. އަދި 2021 ވަނަ އަހަރު ރާއްޖެއައި ފަތުރުވެރިންގެ 7 އިންސައްތަ މިމާކެޓު ހިއްސާ ކުރިކަން އެމްއެމްޕީއާރްސީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މި މާކެޓުގައި ރާއްޖެ އިތުރަށް އިސްތިހާރު ކުރުމަށް އަރަބިއަން ޓްރެވެލް މާކެޓް، އައިއެލްޓީއެމް އަދި ރިޔާދް ޓްރެވެލް ފެއާގައިގައި މިއަހަރު ރާއްޖެ ބައިވެރިވާނެކަމަށް އެމްޕީއާރްސީން ވަނީ ހާމަކޮށްފައެވެ.