ޚަބަރު

ތެލުގެ އަގު އުފުލި ފީފާއެއް 116 ޑޮލަރަށް، މަޢުދަނުގެ އަގުވެސް އުފުލެނީ


ދުނިޔޭގެ ބާޒާރުގައި ޑިމާންޑާއި އެއްވަރަށް ތެޔޮ ނުލިބުމާއި، ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކާއި ގުޅިގެން ރަޝިޔާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ތެލުގެ އަގު ހިފެހެއްޓުމެއްނެތި އުފުލެމުންދަނިކޮށް، ބައެއް މަޢުދަނުގެ އަގުވެސް ރިކޯޑު މިންވަރަކަށް އުފުލިއްޖެއެވެ.

ރަޝިޔާއާއި ޔޫކްރެއިން މައްސަލައިގައި ޙަމަލާތައް ފެށުމާއެކު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އުފުލިގެންދިޔައެވެ. ތެލުގެ އަގު މަތިވަމުންގޮސް މިހާރު ސާފުނުކުރާ ތެޔޮ ފީފާއެއް ލިބެންހުރީ 116 ޑޮލަރަށެވެ.

ރަޝިޔާއިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދޭ ތެލާއި ގޭހުގެ މިންވަރު މަދުނުވެ ލިބޭނެކަމުގެ ޔަޤީންކަން ކުޑަވެފައިވާއިރު، ރަޝިޔާގެ ސަޕްލައި އެހެން ދިމާލަކުން ފޫބެއްދޭނެ ގޮތެއް އަދި ހޯދިފައެއް ނުވެއެވެ. ބައިނަލްއަޤްވާމީ ތެލުގެ ވިޔަފާރީގައި ހިމެނޭ 11 އިންސައްތަ ސަޕްލައިކުރާ ޤައުމަކީ ރަޝިޔާއެވެ. އެމެރިކާއާއި ވިލާތުގެ އިއްތިހާދާއި އަދިވެސް އިތުރު ޤައުމުތައް ގުޅިގެން ރަޝިޔާއާއި ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ރަޝިޔާއިން ބޭރަށް ތަކެތި ދައުރުކުރުމަށާއި، ވިޔަފާރިއަށް ފައިސާ ދެއްކުމުގެ ދޮރުތައް ވަނީ ބަންދުވެފައި ނުވަތަ އިންތިހާއަށް ހަނިވެފައެވެ.

ބާޒާރުން ތެޔޮ މަދުވެއްޖެނަމަ ރިޒާވުގައި ގިނައިން ތެޔޮ ރައްކާކޮށްފައިހުރި ޤައުމުތަކުން އިތުރަށް ބާޒާރަށް ތެޔޮ ނެރުމަށް ބައިނަލްއަޤްވާމީ ހަކަތައާއިބެހޭ އެސޯސިއޭޝަނުން މަޝްވަރާކުރަމުންދިޔަ ނަމަވެސް މިއީ ޙައްލެއް ނޫންކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އޭގެ އެއް ސަބަބަކީ އޮޕެކާއި އެކުވެރި ޖަމާޢާއްތައް ގުޅިގެން ފާއިތުވި އަހަރު ތެޔޮ އުފައްދާ މިންވަރު އިތުރުކުރަމުން އައިނަމަވެސް ޑިމާންޑާއި އެއްވަރަށް ތެޔޮ އުފެއްދާ މިންވަރު އަދިވެސް އަރާހަމަކުރެވިފައި ނުވުމެވެ. އަނެއް ސަބަބަކީ އެމެރިކާގެ ކުންފުނިތަކުގެ ރިޒާވުގައި ރައްކާކުރެވިފައި ހުރި ތެލުގެ މިންވަރު ރިކޯޑުމިންވަރަކަށް މަދުވެފައިވާތީއެވެ. ބައެއް ތަޖުރިބާކާރުން ދެކޭގޮތުގައި މިޙާލަތުގައި ތެލުގެ ވިޔަފާރި ހަމައަކަށް އެޅުވެންއޮތީ އިތުރަށް ތެޔޮ އަގުބޮޑުކޮށްގެން، ތެލަށް އޮތް ޑިމާންޑު ކަނޑުވާލައިގެންނެވެ.

ތެލުގެ ކަންބޮޑުވުންތަކާ ގުޅިގެން ބުދަ ދުވަހުގެ ރަޝިޔާ ހިމެނޭހެން އޮޕެކް ޕްލަސްއިން ބޭއްވި ބައްދަލުވުމަށްފަހު ނިންމާފައިވަނީ ކުރިންވެސް އެއްބަސްވެފައިވާގޮތަށް ދުވާލަކު 400000 ފީފާގެ ތެޔޮ އިތުރަށް އުފެއްދުމަށެވެ. ނަމަވެސް އެމެރިކާއިން މިހާރު މަސައްކަތްކުރަމުންދަނީ ރަޝިޔާގެ ތެލުގެ ވިޔަފާރި ހުއްޓުވުމަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށެވެ. އެގޮތުން ބުދަ ދުވަހު އެމެރިކާއިން ވަނީ ތެޔޮ ސާފުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަޞީލަތްތައް ރަޝިޔާއަށް ވިއްކުން މަނާކޮށްފައެވެ. އެެހެންކަމުން ހަކަތައިގެ ބާޒާރަށް އިތުރު ލޮޅުންތައް އައިސް، އިންފްލޭޝަނަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް ބެލެވެއެވެ.

ތެލުގެ އިތުރުން ނިކެލް އާއި އެލުމިނިއަމްގެ އަގު 11 އަހަރުތެރޭގައި މައްޗަށް ނުދާވަރަށް އުފުލިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ދުނިޔެއަށް ބޭނުންވާ އެލުމިނިއަމްގެ 6 އިންސައްތައާއި ނިކެލްގެ 7 އިންސައްތަ ފޯރުކޮށްދެނީ ރަޝިޔާއިންނެވެ. މި މަޢުދަންތައް ރަޝިޔާއިން ބޭރުކުރުމުގައި ހުރި ލޮޖިސްޓިކް ދަތިތަކާހުރެ ބާޒާރުގައި އެލުމިނިއަމްގެ އަގު 3.4 އިންސައްތައަށް އުފުލިފައިވާއިރު، ނިކެލްގެ އަގު 5.6 އިންސައްތަ އުފުލިފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި މިއާއި ވިދިގެން މަޢުދަނުގެ ބާޒާރަށް ލޮޅުން އައިސް، ޒިންކުގެ އަގުވެސް 4 އިންސައްތައަށް އުފުލިފައިވާކަމަށް ނޫސްތަކުން ހާމަކުރެއެވެ.