ޚަބަރު

ޔޫރަޕުގައި ރަޝިޔާގެ ރަސްމީ ޓީވީ ޗެނަލްތައް ދެއްކުން މަނާކޮށްފި


ރަޝިޔާގެ ރަސްމީ ބްރޯޑްކާސްޓިންގ ކުންފުނިތައް ކަމަށްވާ އާރް.ޓީ އާއި ސްޕުޓްނިކްގެ ޗެނަލްތައް ވިލާތުގެ ޤައުމުތަކުގައި ދެއްކުން މަނާކޮށްފިއެވެ.

ހަނގުރާމައާއި ބެހޭގޮތުން ސައްޙަނޫން މަޢުލޫމާތު ފަތުރާކަމުގެ ތުޙުމަތުގައި ވިލާތުގެ އިއްތިހާދުން ވަނީ އާރް.ޓީ އާއި ސްޕުޓްނިކްގެ ޓީވީ ޗެނަލްތަކާއި ރޭޑިއޯ ޗެނަލްތަކާއި، ޚަބަރު ފަތުރާ އޮންލައިން ނޫސް މަންސަތައްވެސް، ވިލާތުގެ އިއްތިހާދުގައި ހިމެނޭ 27 މެމްބަރު ޤައުމުގައި ގެނެސްދިނުން ވަގުތުން ހުއްޓާލުމަށް އަންގާފައެވެ.

މި ސްޓޭޝަންތަކުގެ ޚަބަރާއި މަޢުލޫމާތު ފެތުރުމާއި، ބްރޯޑްކާސްޓުކުރުމަށް އެއްވެސްގޮތަކުން އެހީތެރިވެދިނުން މަނާކުރުމަށް ބުދަދުވަހު ނިންމާފައިވާއިރު، ރަޝިޔާއިން ޔޫކްރެއިނަށް އަރައިގެން ޙަމަލާދޭން ފެށީއްސުރެ އެ ސްޓޭޝަންތަކުން ހަނގުރާމައަށް ހިތްވަރުލިބޭގޮތަށް ނުރަނގަޅު މަޢުލޫމާތު ފަތުރަމުންދާކަމަށް އެކި ފަރާތްތަކުން ދިޔައީ ތުޙުމަތުކުރަމުންނެވެ. ރަޝިޔާއިން އެ ޤައުމުގެ ޚަބަރުފަތުރާ ވަޞީލަތްތަކަށް އަންގާފައިއޮތީ އެ ޤައުމުން ޔޫކްރެއިނުގައި ހިންގަނީ މިލިޓާރީ އޮޕަރޭޝަނެއް ކަމަށާއި، އެއީ ހަނގުރާމައެއްކަމަށް ދޭހަވާގޮތަށް ވާހަކަތައް ނުފެތުރުމަށެވެ.

އާރް.ޓީ އާއި ސްޕުޓްނިކް ސަސްޕެންޑުކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވިލާތުގެ އިއްތިހާދުގެ ފޮރިން ޕޮލިސީ ރެޕްރެސެންޓޭޓިވް ޖޮސެޕް ބޮރެލް ވިދާޅުވީ މި ދެ ކުންފުނީގެ މަންސަތައް ބޭނުންކުރަމުންދަނީ ސައްޙަ ނޫން މަޢުލޫމާތު ހިމަނައިގެން ޔޫކްރެއިނާއި ދެކޮޅަށް ބޭނުންކުރާ ހަނގުރާމައިގެ އިތުރު އުކުޅެއްގެ ގޮތުގައިކަމަށެވެ. އެހެންކަމުން މިއީ ޢާއްމުންގެ ރައްކާތެރިކަމާއި، ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި ނިންމުމުގެ ދަށުން ވިލާތުގެ އިއްތިހާދުގައި މި ދެ ސްޓޭޝަނަށް ދީފައިވާ ހުއްދަތައް ސަސްޕެންޑުކުރާނެއެވެ.

ރަޝިޔާގެ ސަރުކާރުން ހިންގާ އާރް.ޓީ އާއި ސްޕުޓްނިކް ކުންފުނީގެ ޚަބަރުފަތުރާ ވަޞީލަތްތަކުން ޙަމަލާތަކާއި ގުޅޭގޮތުން އޮޅުވާލައިގެން ދޮގު މަޢުލޫމާތު ފަތުރާކަމުގެ ތުޙުމަތުގައި، ފޭސްބުކާއި، ގޫގުލް އާއި، ޓްވިޓަރއާއި، ޔޫޓިއުބް އަދި ޓިކްޓޮކްއިން ވަނީ މި ސްޓޭޝަންތަކުގެ ޙަބަރާއި މަޢުލޫމާތު ފެތުރުމާއި، އިޝްތިހާރުތައް ދުރަށް ދެއްކުމުގެ ފުރުޞަތު ހަނިކޮށްފައެވެ.