ކުޅިވަރު

އޮޕަރޭޝަންއަކާއި ނުލާ ފާސިރު ފަރިތަކުރުންތަކަށް ނިކުމެއްޖެ


ކުލަބް ވެލެންސިޔާގެ ކެޕްޓަން ޢަލީ ފާސިރުގެ ކަކުލަށް ލިބިފައިވާ އަނިޔާ ރަގަނޅުވުމަށް އޮޕަރޭޝަން ކުރަން ނުޖެހި، އަނިޔާއިން ރަގަނޅުވާނެކަމަށް ބެލެވެން ފަށައިފިއެވެ. ވެލެންސިއާގެ ކެޕްޓަން ޢަލީ ފާސިރަށް އަނިޔާވެފައިވަނީ ރ.އަލިފުށީގައި ކުޅުނު ޕްރެޒިޓެންޑްސް ކަޕްގެ ފައިނަލް މެޗްގައެވެ. ފައިނަލް މެޗްގައި ފާސިރަށް އަނިޔާވީ މާޒިޔާގެ ނާއިޒު ހަސަން (ދާދު) ކުރި ޗެލެންޖެއްގެ ސަބަބުންނެވެ. އަލިފުށީ ސިއްހީ މަރުކަޒުގައިވެސް ފާސިރަށް ފަރުވާދީފައިވެއެވެ.

ފާސިރު މިހާރުވަނީ ކުލަބް ވެލެންސިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ. ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗަށްފަހު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ވެލެންސިޔާއިން މިހާތަނަށް ކުޅުނު 3 މެޗްގައިވެސް ޢަލީ ފާސިރު ކުޅެފައެއް ނުވެއެވެ. ކުރިން ފާސިރުގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ރަގަނޅުވުމަށް އޮޕަރޭޝަނެއް ކުރަން ޖެހޭނެކަމަށް ބެލެވުނު ނަމަވެސް މިހާރު އޮޕަރޭޝަން ނުކޮށް، ފިޒިއޮތެރަޕީ ހަދައިގެން ރަގަނޅުވާނެކަމަށް ޑޮކްޓަރުންނާއި ޙަވާލާދީ ވެލެންސިއާގެ އެސިސްޓެންޓް މުޙައްމަދު އާފިއު ބުންޏެވެ. އަދި މީގެ އެއް ދުވަސްކުރިން ފާސިރު ކުލަބް ވެލެންސިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވީނަމަވެސް، މިދުވަސްކޮޅު ބޮޑަށް ގެންދަނީ ސްޓްރެންތު ޓެރެއިނިންކަމަށާއި އެއްވެސް ވަރަކަށް ބޯޅައާއި ނުކުޅޭކަމަށް އާފިއު ބުންޏެވެ.

ފާސިރު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާއިރު، މިވަގުތު ވެލެންސިޔާއޮތީ އުނދަގޫ ހާލަތެއްގައެވެ. ލަންކާގެ ޑިފެންޑަރު ޑަކްސަން ދިރިއުޅޭ ކޮޓަރީގައި އޭނާ މަރުވެފައި ހުއްޓާ ފެނުމުގެ އިތުރުން އަލީ އަޝްފާގަށް ވެސް އަނިޔާވެ ކުޅުމާއި ދުރުގައި ހުރިއިރު، ފޯވާޑް ޢަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) އާއި އީސްމާއީލް އީސާ ވެސް ހުރީ އަނިޔާގައެވެ. މިޑްފީލްޑަރު އައްސަދު އަލީ (އަޑުބަރޭ) ދަނީ 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ދިވެހި ޕްރިމިއަރ ލީގުގައި މިހާތަނަށް ވެލެންސިޔާއިން ތިން މެޗް ކުޅެފައިވާއިރު، ދެ މެޗް ކާމިޔާބުކޮށް އެއް މެޗުން ވަނީ ބަލިވެފައެވެ.