ކުޅިވަރު

މާލޭގައި ބާއްވާ މެޗްތައް މިހާރު އަތޮޅު ތެރޭގައި ބާއްވާތަން ފެނޭ - މަހުލޫފް


މާލެއަށް ތޮއްޖެހިފައިވާ ފުޓްބޯޅަ މުބާރާތްތައް މަޑުމަޑުން އަތޮޅު ތެރޭއަށް ބަދަލް ކުރެވެމުންދާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. 2023/2024ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނަކީ މުޅި ރާއްޖެ ހިމެނޭގޮތަށް ކުޅެވޭ ފުޓްބޯޅަ ސީޒަނަކަށް ހެދުމަށް އެފްއޭއެމްއިން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އަދި އެޖަމިއްޔާއިން ވަނީ 2023/2024 އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގެ ލޯގޯ ރަސްމީކޮށް ތައާރަފްކޮށްފައެވެ.

ޔޫތު މިނިސްޓްރީއިން އަތޮޅު ތެރޭގައި އަޅަމުންދާ ފުޓްބޯޅަ ދަނޑުތަކުގެ ސަބަބުން އެފްއޭއެމްގެ މަސައްކަތްތަކަށް ވަރށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް މީގެ ކުރިން އެފްއޭއެމްއިން ވަނީ ވިދާޅިވެފައެވެ. އެގޮތުން މިހާރު 30 އަށް ވުރެއް ގިނަ ފުޓްބޯޅަ ދަނޑު ނިންމާ، 60 އާއި ގާތްކުރާ ޢަދަދަކަށް ބޮޑެތި ފުޓުބޯޅަ ދަނޑު ހެދުމުގެ މަސައްކަތް މިހާރުވެސް ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް އެބަދެއެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ 2023/2024 އަހަރުގެ ދިވެހި ޕްރިމިއަރ ލީގް މުޅި ރާއްޖެއަށް ފުޅާވެގެންދާއިރު، ގިނަ މެޗްތަކެއް ފެންވަރު ރަގަނޅު ދަނޑުތަކުގައި ކުޅުމުގެ އިތުރުން، މޮޅު ފުޓްބޯޅަ މެޗްތަކެއް ކުޅުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އަދި އެފްއޭއެމްއިން މުޅި ރާއްޖެ ހިމެނޭގޮތަށް ލީގު ކުރިއަށްގެންދަން ބޭނުންވާއިރު، މިދަނޑުތަކުގެ ސަބަބުން އެކަމަށް ވަރަށް ބޮޑު ފަސޭހައެއް ވާނެކަމަށް ވެސް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ. އަދި މިދަނޑުތައް ރަށްރަށުގައި އެޅުމުން ފުޓްބޯޅަ ކުޅޭ ކުދިން އެރަށްރަށުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވާހަކަމަދުކޮށް، މަސައްކަތް ގިނަ ކުރުމަކީވެސް މިނިސްޓްރީގެ އެއް އަމާޒުކަމަށް މަހުލޫފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިދިޔަ ދުވަސްތަކުގައި، ރާއްޖޭގެ ބައެއް ރަށްރަށުގައި މެޗްތައް ވެސް ކުޅެވިއްޖެ. އަދި އިތުރު މެޗްތައް ކުޅުމަށް މަސައްކަތް ކުރަމުންވެސް އެބަދަން. ފުޓްބޯޅަ އައިލާއަށް، ކުލަބްތަކަށް އަދި އެފްއޭއެމްއަށްވެސް ބުނެލަން ބޭނުން ވަނީ މިނިސްޓްރީއިން މަސައްކަތް ފަށާއިރު، ހުރިހާކަމެއް ހުންނާނީ އެންމެ ފުރިހަމައަކަށް ނޫން. މިހަގީގަތް އަޅުގަނޑުމެން އެންމެ ގަބޫލް ކުރަންޖެހޭ. ބައްސާމް ވިދާޅުވިހެން ގޮތްޖެހުންތަކެއް ދިމާވެދާނެ، ދަތުރުފަތުރު ކުރުމުގައިވެސް، ގަލޮޅު ދަނޑުގައި ހުންނަ ވަރުގެ ޗޭންޖިން ރޫމެއްވެސް ނުހުރެދާނެ. މިކަންކަމާމެދު ކުލަބްތަކުން، ކުޅުންތެރިން އަދި އެފްއޭއެމްއިންވެސް ވިންނާފިއްޔާ، ޓާގެޓަށް ވާސިލްވުމަށް ފަސޭހަތަކެއް ވާނެ." މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.


އެފްއޭއެމްއިންވަނީ 2023/2024ވަނަ އަހަރު ސީޒަން ކުރިއަށްގެންދަން މުޅި ރާއްޖެ 4 ޒޯނަކަށް ބަހާލާފައެވެ. ޒޯން 1ގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ.އަތޮޅެވެ. ޒޯން 2ގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ.އަތޮޅެވެ. ޒޯން ތިނެއްގައި ހމެނެނީ ތ، ލ، ގއ، ގދ، ޏ، ސ.އަތޮޅުއެވެ. އަދި ޒޯން 4 އަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަނެވެ.

2023/2024ވަނަ އަހަރުގެ އާ ފޯމެޓާއެކު ތިން ޑިވިޝަނެއް ކުރިއަށްދާނެއެވެ. އެއީ އޯޕަން ޑިވިޝަނާއި 3ވަނަ ޑިވިޝަން، ދެވަނަ ޑިވިޝަން އަދި ފުރަތަމަ ޑިވިޝަނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށްދާނީ ރަށު ފެންވަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޯޕަން ޑިވިޝަނެވެ.