ޚަބަރު

ފަރިޔާލް މަރުވުމުގައި އިހުމާލެއްވާނަމަ ފިޔަވަޅު އަޅާނަން- ހެލްތް


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހެދުމުގައި ދިމާވި މައްސަލައެއްގައި ސީރިއަސްވެ މަރުވި، އަންހެން މީހާގެ މައްސަލަ ބަލާ ނިމުމުން އެކަމާއި އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނޭކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިކަން ހާމަ ކުރައްވާ އެ ވުޒާރާއިން މިއަދު ޢާއްމު ކުރެއްވި ނޫސްބަޔާނުގައިވަނީ، މިހާދިސާއާއި ގުޅިގެން ކަންހިގާ ދިޔަ ގޮތް ބައްލަވައި ކުރައްވަންޖެހޭ ތަހްޤީގުތައް އެވުޒާރާއިން ކުރައްވަމުން ގެންދަވާކަމަށެވެ.މިމަހުގެ ހަތްވަނަ ދުވަހު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދުމަށްފަހު، ޙާލު ސީރިއަސް ވެގެން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް ނިޔާވި ކުޅުދުއްފުށި ސިނަމާގޭ އުމުރުން ތިރީސް ތިން އަހަރުގެ އައިޝަތު ފަރިޔާލް ގެ ސިޒޭރިއަން ހެދި ޑޮކްޓަރު މިހާރު މަސައްކަތުން ދުރުކުރެވިފައިވާކަމަށް، ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. މިއޮޕަރޭޝަން ކުރި ޑޮކްޓަރަކީ މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ ޑޮކްޓަރެއް ކަމަށާއި، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކުޅުއްދުފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެ ޑޮކްޓަރު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.