ޚަބަރު

ހުޅުމާލޭ ފޭސް 2އިން މާލެއަށް ސީދާ ބަސް ދަތުރުތައް ފަށައިފި


ހުޅުމާލޭ ފޭސް 2 އިން މާލެއަށް ސީދާ ބަސްދަތުރުތައް ފަށައިފިއެވެ. ހިޔާ ފްލެޓްތަކުގައި ގިނަ އަދަދެއްގެ އާއިލާތައް ދިރިއުޅެމުންދާއިރު، ފޭސް 2އިން ސީދާ ދަތުރުތައް ފެށުމުން ގިނަ ބަޔަކަށް ދަތުރުކުރުމުގެ ލުއިފަސޭހަކަން ވަނީ ލިބިގެން ގޮސްފައެވެ.

މިއަދު ހެނދުނު ޚިދުމަތް ފެށީ ކޮންމެ ގަޑިއިރަކުން ބަސް ދަތުރެއް ފޭސް ދޭކުން ސީދާ މާލެއަށް ކުރާ ގޮތަށެވެ. ނަމަވެސް މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް ކުރިއަށް ގެންދަން އެމްޓީސީސީން ވަނީ ނިންމާފައެވެ.

މިއަދު ހެނދުނުން ފެށިގެން ފޭސް 2އިން މާލެއަށް ސީދާ ބަހުގެ ޚިދުމަތް ފެށިއިރު ބަހުގެ ޚިދުމަތް ލިބޭނީ ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ކޮންމެ އެއް ގަޑިއިރަކުންނެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ދޭ ރޫޓުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހިން ސީދާ މާލެއަށް އަދި މާލެއިން ސީދާ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދަތުރުކުރެވޭނެ ގޮތް ކުރިން ހަމަޖެހިފައެއް ނުވެއެވެ. މިހާތަނަށް އެ ދަތުރުތައް ކުރަމުީ މާލެއިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ވަކި ބަސް ސްޓޮޕްތަކަކަށް ފޭބުމަށްފަހު އެތަނުން ދެވަނަ ފިޔަވައްސަށް ދާން އިތުރު ބަހަކަށް އަރައިގެންނެވެ. އަދި ދެވަނަ ފިޔަވަހިން މާލެއަށް ވެސް ދަތުރުކުރަނީ އެގޮތަށެވެ.

ހިޔާ ފްލެޓް ހިމެނޭ ސަރަޙައްދަށް މީގެ ކުރިން ކޮންމެ ދުވަހެއްގެ ހެނދުނު 5:45 އިން ފެށިގެން ރޭގަނޑު 12:15އާ ހަމައަށް އެމް.ޓީ.ސީ.ސީން ބަސް ދަތުރުތައް އަންނަނީ ބާއްވަމުންނެވެ. ނަމަވެސް ހުކުރު ދުވަހު ހެނދުނު 11:45 އިން މެންދުރު 13:45 ދަތުރުތައް މެދުކަނޑާލައެވެ.