ޚަބަރު

ހުރާ ރައްޔިތުންގެ އިންޖީނުގެ ބެލެހެއްޓުން ފެނަކައާ ހަވާލުކޮށްފި


ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ފަހިކޮށްދިން ފުރުޞަތާއެކު، ކ.ހުރާ ކައުންސިލުން އެރަށުގައި ހިންގަމުން އައި އަމިއްލަ އިންޖީނުގެއާއި ފެނާ ނަރުދަމާގެ ނިޒާމުގެ ހިންގުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގެ ދަށުން ހުރާގެ ކަރަންޓުގެ ނިޒާމު އަދި ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ވަނީ ރާވާފައެވެ.

ހުރާގެ ރައްޔިތުންގެ އިންޖީނުގޭގެ ޚިދުމަތް ދޭން ފެށީ މީގެ 34 އަހަރު ކުރިން 1987 ވަނަ އަހަރުއެވެ. އޭރި ޚިދުމަތް ފެށީ 10 ކިލޯވިޓްގެ އިންޖީނަކާއެކުއެވެ. މި ޚިދުމަތް 4 ފަހަރެއްގެ މަތިން ފުޅާކޮށް މިހާރުވަނީ ރަށަށް ބޭނުންވާ، މިންވަރަށް ކެޕޭސިޓީ ޤާއިމުކޮށްފައެވެ.

ކ.ހުރާގެ އިންޖީނުގެއާއި ފެނާއި ނަރުދަމާ ނިޒާމު ފެނަކައާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ކ.ހުރާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢީސާ އަޙުމަދުއެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުރާ ކައުންސިލްގެ ރައީސް ވިދާޅުވީ ކަރަންޓުގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމުވެސް ޤާއިމުވެގެންދިއުމާއެކު، ނިޒާމުތައް ބެލެއްހެއްޓުމަށް ކައުންސިލަށް ގޮންޖެހުންތައް ދިމާވާކަމަށެވެ. އަދި މިފަދަ ނިންމުމެއްގެ އެންމެ ބޮޑު ބޭނުމަކީ ރަށުގެ ކަރަންޓާއި އެހެނިހެން ޔޫޓިލިޓީ ވިއުގަ އިތުރަށް ފުޅާވެ ޒަމާނީ ވެގެން އައުންކަމަށް ޢީސާ އަޙުމަދު ވިދާޅުވިއެވެ.

ކަރަންޓަކީ ޒަރޫރީ ޚިދުމަތަކަށްވުމުން، ކައުންސިލުން މިވީ ދެތިން އަހަރުވެސް އިންޖީނުގެ ހިންގަމުން އައީ މާލީ ގެއްލުމުގައިކަމަށް ޢީސާ ވިދާޅުވިއެވެ. އަދި އެކަމާއި ގުޅިގެން ރަށުގެ އެހެނިހެން ތަރައްޤީއަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކަށް ހުރަސްއެޅޭކަމަށްވެސް ޢީސާ ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ފެނާއި ކަރަންޓްގެ ހިދުމަތް ފެނަކައާ ހަވާލުކުރުމުން ރަށުގައި ގިނަ ވަޒީފާގެ ފުރުޞަތުތައްވެސް އުފެދޭނެކަމަށެވެ.

"މިދިޔަ ދެ އަހަރުވެސް ކައުންސިލަށް ލައްކައިން ގެއްލުންވި. ޑީސަލަށް ބޮޑު ހޭދައެއްދޭ. މިއާއެކު ރަށުގެ އެހެނިހެން ތަރައްޤީތަކަށް މާލީ ހުރަސްތައް އެބައޮތް." ޢީސާ ވިދާޅުވިއެވެ.

ފެނަކައިން ހުރާގެ ޔުޓިލިޓީ ޚިދުމަތްތަކާއި ހަވާލުވުމާއެކު، އެ ކުންފުނިން ހުރާގެ މި ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ރާވާފައިވާ ކަންކަމުގެ ތަފްސީލް ވަނީ ޙިއްސާކޮށްފައެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވީ ފެނަކައިން ރާވާފައިވަނީ، ހުރާއާއި ހުރާ ކައިރީގައި ވިޔަފާރިއަށް ދޫކޮށްފައިވާ ރަށްތަކަށް ބޭނުންވާ ކެޕޭސިޓީއާއި އެއްވަރަށް، ކަރަންޓާއި ފެނާއި ނަރުދަމާގެ މައި ސެންޓަރުތައް ހުރާގައި ތަރައްޤީކުރުމަށްކަމަށެވެ. އަދި ބިމެއް ހަމަޖެހުނުހާ އަވަަހަކަށް މިކަމުގެ ޢަމަލީ މަސައްކަތްތައް ފަށާނެކަމަށް ސަޢީދު ވިދާޅުވިއެވެ.

"ހުރާގައި ތަރައްޤީކުރާނީ މަރިކަޒީ އިންޖީނުގެއެއް. އަދި ފެން އުފައްދާ ކެޕޭސިޓީ އިތުރުކޮށް، ވިޔަފާރިވެރިންނަށް ފެން ފޯރުކޮށްދޭނަން. މިއަދު އެއްބަސްވުން ސޮއިކުރެވިގެން މިދިޔަ ދުވަހު 1މެގަވޮޓްގެ އިންޖީނެއް މިރަށަށް ގެނެސްފިން. މަދު ދުވަސްކޮޅެއްތެރޭ މި ޖެންސެޓް އިންސްޓޯލްކޮށް ޚިދުމަތް ދޭނަން." ފެނަކަ އެމްޑީ ވިދާޅުވިއެވެ.

ފެނަކައިގެ އާ އިންޖިނުގެއާއި ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް 27 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް 10 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ޢަމާޒު ހިފާފައެވެ.

މީގެއިތުރުން ރަށުގެ ނަރުދަމާ ނިޒާމު ތަރައްޤީކުރުމުގެ 10 މިލިއަން ރުފިޔާގެ މަޝްރޫޢުއަކާއި، ފެން އުފައްދާ ނިޒާމު ޤާއިމުކޮށް ފެން ރައްކާކުރާ ކެޕޭސިޓީ އިތުރުކުރުމަށް 21 މިލިއަން ރުފިޔާގެ މަޝްރޫޢުއެއް ހިމެނެއެވެ. އަދި ކައިރި މުސްތަޤްބަލެއްގައި ބިއްލޫރި ފުޅީފައި ފެން އުފައްދާ ނިޒާމެއްގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.