ވިޔަފާރި

ރާއްޖެ އެތެރެކުރާ ތެލުގެ ކޮލިޓީ ދެނެގަނެވޭނެ ލެބެއް އެސްޓީއޯއިން ހުޅުވައިފި


ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި އެސްޓީއޯއިން ފިއުލް ޓެސްޓިންގ ލެބޯޓަރީއެއް ހުޅުވައިފިއެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ގާއިމްކުރި މިލެބޯޓްރީ އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ޗެއާރމަން ހާމިދު ނަޝީދު މުހައްމަދުއާއި ބޯޑް މެންބަރ އައިމިނަތު ރުޝްމާއެވެ.

ޕްރޮޑަކްޓް ޓެސްޓިންގްގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓްކުރާގޮތަށް އެސްޓީއޯއިން ހުޅުވި މިލެބޯޓްރީގެ ސަބަބުން ރާއްޖެ އެތެރެކުރެވޭ ތެޔޮ ވަގުތުން ޓެސްޓުކުރުމަށް މަގުފަހިވެ، މިހާރު ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ. ހާއްސަ ގޮތެއްގައި އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރި-ޓެސްޓުކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވުން ނިމުމަކަށް ގެނެވޭނެއެވެ.

ކޮލިޓީ ޓެސްޓިންގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ހަރަދުކޮށްގެން ހުޅުވާފައިވާ މިލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓްގެ ފަރާތުންނެވެ. މީގެއިތުރުން، މިލެބޯޓަރީން ރާއްޖެ އެތެރެކުރާ ޕެޓްރޯލްއާއި ޑީސަލްގެ ކީ ޕެރަމީޓަރސްތައްވެސް ޓެސްޓްކުރެވޭނެއެވެ.

މި ލެބޯޓަރީ ހުޅުވުމާއެކު، ޖީ.ސީ.ސީ އެކްރެޑިޓޭޝަން ސެންޓަރ (ޖީ.އޭ.ސީ) އިން މި ލެބޯޓަރީ އަށް އައި.އެސް.އޯ އަދި އައި.އީ.ސީ 17025:2017 އެކްރެޑިޓޭޝަން ލިބިގެންދާނެއެވެ. އެހެންކަމުން މި ލެބޯޓްރީ ވެގެންދާނީ ރާއްޖޭގައި ހުޅުވޭ ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓްކުރާ ތަނެއްކަމަށާއި މި ލެބޯޓަރީން ދޫކުރާ ޓެސްޓް ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބަލައިގަންނާނެކަމަށް އެސް.ޓީ.އޯއިން މައުލޫމާތުދެއެވެ. މިފަދަ ލެބޯޓަރީއެއް އެސްޓީއޯއިން ހަރަދުކޮށްގެން ރާއްޖޭގައި ހުޅުވުމަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ދެކެއެވެ.