ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ނަރުހުންގެ އައު ޔުނިފޯމް ތަޢާރަފްކޮށްފި


ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ނަރުހުންގެ އައު ޔުނިފޯމް ތަޢާރަފްކޮށްފިއެވެ. މިޔުނިފޯމް ތަޢާރަފްކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 40 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެންނެވެ. އައު ޔުނީފޯމް ތަޢާރަފް ކޮށްދެއްވީ އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެހޮސްޕިޓަލްގެ ސީއީއޯ، އަހުމަދު ދާއޫދު ވިދާޅުވީ ހޮސްޕިޓަލްގެ ހަޔާތުގައި ފާއިތުވި އަހަރަކީވެސް އޭގެ ކުރީ އަހަރެކޭ އެއްގޮތަށް ކާމިޔާބު ގިނަ ކަންތައްތަކެއް ހާސިލްކުރެވުނު އަހަރެއްކަމުގައެވެ. އެގޮތުން ވޭތުވެދިޔަ 40 އަހަރު ތެރޭގައި މިއީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންގެ ޔުނީފޯމަށް ބަދަލުގެނައި ފުރަތަމަ ފަހަރުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ނަރުހުން ކުރިން ލީ ހުދު ޔުނީޕޯމްގެ ބަދަލުގައި މިހާރު ބޭނުން ކުރަނީ ޓީލް ބުލޫ ކުލައިގެ ޔުނީޕޯމެކެވެ. އަދި ޔުނީޕޯމާއެކު ބޭނުންކުރާ ބުރުގާއަކީވެސް އެކުލައިގެ ބުރުގަލެކެވެ.

ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން އަހުމަދު ދާއޫދު ވިދާޅުވީ އަހަރީ ދުވަހާއި ގުޅުވައިގެން އެ ހޮސްޕިޓަލުން އެކި ހަރަކާތްތައް ރާވާފައިވާ ކަމަށެވެ. އެގޮތުން އޯޕީޑީ، އައިޕީޑީގައި ތިބި ބަލި މީހުންނަށް ހަދިޔާ ބެހުމާއި، މުވައްޒަފުންނަށް ހުޅުވާލައިގެން ޚާއްސަ ކުއިޒެއް ބޭއްވުމުގެ އިތުރުން ވަކިވަކި ޑިޕާޓްމެންޓްތަކުން ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.