ޚަބަރު

ސްވިފްޓް ހަނިވުމަކީ ޑޮލަރު މަދުކޮށް، ޔުއާން-ރޫބަލް ފުޅާކުރުމަށް ލިބުނު ފުރުޞަތެއް


ރަޝިޔާއާއި ދެކޮޅަށް ޔޫރަޕާއި އެމެރިކާއިން އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކުގެ ތެރޭގައި އެ ޤައުމުގެ މަރުކަޒީ ބޭންކުގައި ހުރި 640 ބިލިއަން ޑޮލަރާއި، އެތައް ބައެއްގެ މުދަލާއި ފައިސާ ވަނީ ބޭނުން ނުކުރެވޭގޮތަށް ހިފަހައްޓާފައެވެ. އަދި ވިޔަފާރި މުޢާމަލާތްތަކަށް ދަތި ކުރުމުގެގޮތުން ސްވިފްޓް ވިއުގައިން ރަޝިޔާގެ ބައެއް ބޭންކުތައް އުނިކޮށް، ގިނަ ބޭންކުތަކަށް ފިޔަވަޅު އަޅާފައިވެއެވެ. އެެހެންކަމުން ޑޮލަރު ނުހިމެނޭގޮތަށް ފައިސާގެ މުޢާމަލާތްތައް ހިންގޭނެ މަގު ހޯދުމަށް ވިޔަފާރިވެރިންނަށް ވަނީ މަޖުބޫރުވެފައެވެ.

ރަޝިޔާއިން މީގެކުރިންވެސް ބުނެފައިވަނީ ބައިނަލްއަޤްވާމީ ޓްރާންސްފަރ ނެޓްވޯކް ކަމަށްވާ ސްވިފްޓުން ރަޝިޔާ ވަކިކޮށްފިނަމަ ހަމައެކަނި ދަތިވާނީ ޑޮލަރު ހޯދުމަށް ކަމަށެވެ. އެ ޤައުމާއެކު ވިޔަފާރިކުރާ އިންޑިއާ، ޗައިނާ އަދި ބްރެޒިލްއިން ޑޮލަރު ނުހިމެނޭ ރޫޓުތަކުން ފައިސާ ބަދަލުކުރުވޭނެ ގޮތްތައް ހޯދަމުންދާއިރު، ރަޝިޔާގެ މަރުކަޒީ ބޭންކުން ބުނީ ސްވިފްޓާއި އެއްގޮތް އިންޓާނަލް ސިސްޓަމެއް ބޭނުންކުރަމުންދާކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަޝިޔާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އެލްވިރާ ނަބިއުލިނާ ވިދާޅުވީ މި ސިސްޓަމުގެ ދަށުން ހުރިހާ ބޭންކެއްގެ މުޢާމަލާތްތައްވެސް މެދުނުކެނޑި ކުރިޔަށްދާނެކަމަށާއި، ބޭންކުތަކުގައި ހުރި ފަންޑުތައް ރައްކާތެރިކަމާއެކު އެބަހުރިކަމަށެވެ.

ރޮއިޓަރސް އިން ބުނެފައިވަނީ "ސިސްޓަމް ފޯ ޓްރާންސްފަރ އޮފް ފައިނޭންޝަލް މެސެޖެސް"ގެ ނަމުން ހިންގާ މި ސިސްޓަމް މެދުވިކޮށް ރަޝިޔާއިން 2020 ވަނަ އަހަރު 2 މިލިއަން މެސެޖު ނުވަތަ ޓްރާންސްފަރ ފޮނުވާފައިވާކަމަށެވެ. އެއީ ރަޝިޔާގެ އިންޓާރނަލް ޓްރެފިކްގެ ގާތްގަނޑަކަށް 20 އިންސައްތަކަށް ބުނެފައިވެއެވެ. އަދި މި ޢަދަދު 2023 ވަނަ އަހަރާއި ހަމައަށް 30 އިންސައްތައަށް މަތިކުރުމަށް މަރުކަޒީ ބޭންކުން ޢަމާޒުކުރާމަކަށް ރޮއިޓަރސްއިން ބުނެފައިވެއެވެ.

ރަޝިޔާއާއެކު މާލީ މުޢާމާލާތްކުރާ މަގުތައް ހަނިވެފައިވާއިރު، ޗައިނާގެ އަމިއްލަ ވިޔަފާރިތަކާއިބެހޭ ޗެމްބަރުގެ ވެރިޔާ ވިދާޅުވީ ސްވިފްޓުން ބޭރުން ޔުއާން-ޔޫބަލްގެ މުޢާމަލާތްތައް ކުރާތާ 5 އަހަރު ވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ ދެ ޤައުމަށް މިއީ އާ ކަމެއް ނޫންކަމަށާއި، ބޮޑެތި ބޭންކުތަކަށްވެސް މިއީ ޢާއްމު ކަމެއް ކަމަށެވެ. އަދި މިހާރު މި މަގުން ވިޔަފާރިކުރުން އިތުރުކުރަން ޖެހިފައިވާތީ، މިއީ ބައިނަލްއަޤްވާމީ ވިޔަފާރީގައި ޗައިނާގެ ރަސްމީ ނޫޓުކަމަށްވާ ޔުއާންގެ ދައުރު ފުޅާކުރުމަށް ލިބުނު ފުރުޞަތެއްކަމަށް އޭނާ ފާހަގަކުރެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޖޫން 2017 އިން ފެށިގެން ޖޫން 2021 ގެ ނިޔަލަށް ރަޝިޔާގެ މަރުކަޒީ ބޭންކުގެ ފޮރިން ކަރަންސީ ރިޒާވުގައި ޔުއާން އެކުލެވޭ މިންވަރު ވަނީ 0.1 އިންސައްތައިން 13.1 އިންސައްތައަށް އިތުރުވެފައެވެ. މި މުއްދަތުގައި ޑޮލަރުގެ ނިޞްބަތް 46.3 އިންސައްތައިން 16.4 އިންސައްތައަށް ވަނީ ތިރިވެފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ޗައިނާއިން ރަޝިޔާއަށް ވިއްވި މުދަލުގެ 28 އިންސައްތަ އަގު ދައްކާފައިވަނީ ޔުއާންއިންކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗައިނާގެ ވިޔަފާރި ތަމްޞީލުކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި ސްވިފްޓަށް އޮތް އެކްސެސް ކުޑަވުމުގެ ސަބަބުން ރަޝިޔާގައި ޗައިނާ ބޭންކުތަކުގެ އިތުރު އެކައުންޓުތައް ހުޅުވުން ވަނީ އިތުރުވެފައެވެ. މިއީ ޑީ-ޑޮލަރައިޒޭޝަން ނުވަތަ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ސްވިފްޓުން ރަޝިޔާ ވަކިކުރުމުގެ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާއިރު، މިކަމުގެ ގެއްލުން ސިފަކުރައްވައި ފަރަންސޭސިވިލާތުގެ މާލީ ވަޒީރު ވިދާޅުވެފައިވަނީ މިއީ "މާލީ ނިއުކްލިއަރ ހަތިޔާރެއް" ކަމަށެވެ. ރަޝިޔާގެ ބައެއް ބޭންކުތަކަށް މި "ހަތިޔާރުގެ" ބޭނުން މިހާރު ކޮށްފައިވާއިރު، ރޫބަލް ގެ އަގު ހިފެހެއްޓުމަށާއި، އިންފްލޭޝަން ކޮންޓްރޯލްކުރުމަށްޓަކައި ރަޝިޔާގެ މަރުކަޒީ ބޭންކުން ވަނީ 9.5 އިންސައްތައިގައި ހުރި ކީ އިންޓްރެސްޓް ރޭޓް، 20 އިންސައްތައަށް މަތިކޮށްފައެވެ. އަދި ކުންފުނިތަކުގެ ރިޒާވުގައިހުރި ބޭރު ފައިސާގެ 80 އިންސައްތަ ވިއްކުމަށްވެސް ބޭންކުން ވަނީ އަމުރުކޮށްފައެވެ.