ޚަބަރު

"މި ހަނގުރާމައިން ހަކަތަ ވަތްކެއް ނުކުރެވޭނެ"


ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް 5 ދުވަހަށްވުރެ ދިގުލައިގެން ގޮސްފައިވާއިރު، ވިލާތުގެ އިއްތިހާދުން ވަނީ ރަޝިޔާގެ ބައެއް ބޭންކުތައް ސްވިޕްޓް ވިއުގައިން ވަކިކޮށް، ރަޝިޔާގެ މަރުކަޒީ ބޭންކުގެ މުޢާމަލާތްތައް ހުއްޓުވައި، ޔޫރަޕުގެ ވައިގެ ސަރަޙައްދަށް ރަޝިޔާގެ އެއްވެސް ބޯޓެއް ވަނުން މަނާކޮށްފައެވެ.

މި ޙާލަތުގައި ތެލާއި ގޭސް ގަންނަ ފަރާތްތަކަށް ފައިސާ ދެއްކުމުގައާއި އެތަކެތި ރަޝިޔާއިން ބޭރުކުރުމުގައި ގިނަ ދަތިތަކެއް ދިމާވެފައިވަނިކޮށް، ބައިނަލްއަޤްވާމީ ތެޔޮ ކުންފުނިތައް ކަމަށްވާ ބީޕީއާއި ޝެލްއިން، ރަޝިޔާ ކުންފުނިތަކުގެ ހިއްސާ ދޫކޮށްލައި، ވިޔަފާރި ގުޅުން ކަނޑާލުމަށް ވަނީ ނިންމާފައެވެ.

ރަޝިޔާއަށް އަޅާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބާޒާރުގައި ތެލާއި ގޭހުގެ އަގު، ހުއްޓުމެއްނެތި އުފުލެމުންދާއިރު، ބަދަލުހިފުމެއްގެ ގޮތުން ޔޫރަޕަށް ފޮނުވާ ހަކަތައިގެ ޝިޕްމަންޓުތައް މަދުކުރުން ނުވަތަ މުޅިން އެއްކޮށް ހުއްޓާލުމަކީ ރަޝިޔާއިން ކުރުން އެކަށީގެންވާ ކަމެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ. އެހެންކަމުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޭނުންވާ މިންވަރަށް ތެލާއި ގޭސް ފޯރުކޮށްދިނުމަކީ، މިހާރު ވިލާތުގެ އިއްތިހާދާއި، އެކުވެރި ޤައުމުތަކަށް ކުރިމަތިލާންޖެހިފައިއޮތް ގޮންޖެހުމެކެވެ.

ހޯމަ ދުވަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވިލާތުގެ އިއްތިހާދުގެ ފޮރިން އެފެއަރޒް އެންޑް ސެކިއުރިޓީ ޕޮލިސީ ރެޕްރެޒެންޓޭޓިވް ޖޮސެޕް ބޮރެލް ވިދާޅުވީ ކިތަންމެ ބޭނުންވިޔަސް މި ހަނގުރާމައިން ހަކަތަ ވަކިނުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ވިލާތުގެ އިއްތިހާދުގައި ހިމެނޭ މެމްބަރު ޤައުމުތަކުން ބޭނުންކުރާ ޤުދުރަތީ ގޭހުގެ 3 ބައިކުޅަ 1 ބައި ފޯރުކޮށްދެނީ މޮސްކޯއިން ކަމަށެވެ. އެހެންކަމުން އެހެން ދިމާލަކުން މި ޢަދަދު ފޫބެއްދުމަށް އުނދަގޫވީނަމަވެސް، ރަޝިޔާއަށް ބަރޯސާވުން ކުޑަކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރަންޖެހޭކަމަށް ޖޮސެޕް ވިދާޅުވިއެވެ.

ވިލާތުގެ އިއްތިހާދުގެ ބައްދަލުވުމުގައި ހަކަތައާއި ބެހޭ ކޮމިޝަނަރު ކަދްރީ ސިމްސަން ވިދާޅުވީ 27 މެމްބަރު ޤައުމުގެ ތެރެއިން ގިނަ ޤައުމުތަކުގައި 90 ދުވަހުގެ އިމަޖެންސީ ސްޓޮކަށްވުރެ އިތުރަށް ތެޔޮ އެބަހުރި ކަމަށެވެ. އަަދި ލިކުއިފައިޑް ނެޗުރަލް ގޭސް ރައްކާކުރެވޭ ކެޕޭސިޓީގެ 30 އިންސައްތަ ފުރިހަމައަށް އެބަހުރިކަމަށެވެ. އެހެންކަމުން ސަޕްލައި މަދުވެއްޖެ ޙާލަތެއްގައި ބައިނަލްއަޤްވާމީ ހަކަތައާއިބެހޭ އެސޯސިއޭޝަން މެދުވެރިކޮށް ޤައުމުތަކުން ހަކަތަ ނެރުމުގައި މައްސަލައެއް ދިމާނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޙަބަރުތައް ބުނާގޮތުން އެމެރިކާ ހިމެނޭހެން ގިނައިން ތެޔޮ އުފައްދާ ޤައުމުތައް ގުޅިގެން އެ ޤައުމުތަކުގެ އެމަޖެންސީ ސްޓޮކުން 60 މިލިއަނާއި 70 މިލިއަނާއި ދެމެދުގެ ޢަދަދަކަށް ތެޔޮ ފީފާ ބާޒާރަށް ނެރުމަށް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.

ރަޝިޔާއާއި ޔޫކްރެއިނާއި ދެމެދު ހިނގާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް ދިމާވެފައިވާ ތާށިކަން ފިލުވުމަށްޓަކައި ބައިނަލްއަޤްވާމީ ހަކަތައާއިބެހޭ އެސޯސިއޭޝަނުން އަންގާރަދުވަހު (މިއަދު) ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ރަޝިޔާ ހިމެނޭހެން އޮޕެކް ޕްލަސްގެ ބައްދަލުވުމެއް، ބުދަދުވަހު ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުވުންތަކުގައި ތެޔޮ އުފައްދާ މިންވަރު މިހާރަށްވުރެ އިތުރުކުރުމަށް އެއްބަސްވާނެކަމަށް ބެލެވެއެވެ.