ޚަބަރު

އިންތިޚާބާއި ދިމާކޮށް، ވަޒީފާތަކުން ވަކިކުރާ ކަމަށްބުނެ މަޖިލީހަށް ކުއްލި މައްސަލައެއް


ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކާ ދިމާކޮށް، އެމްޑީޕީގެ ބައެއް ބޭފުޅުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ. ވަހީދު ހުށަހެޅުއްވި މިމައްސަލާގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 115 މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ބާރުތަކެއް ލިބުނު ކަމުގައި ވިޔަސް އެ ބާރުތައް ބޭނުންކުރަން ވާނީ ވަކި ހަމަތަކަކާ އުސޫލުތަކަކުން ކަމަށެވެ.

ވަހީދުގެ ކުއްލި މައްސަލައަށް ބަހުސް ކުރުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި، ބަހުސް ކުރަން ފެންނަ ކަމަށް 23 މެމްބަރަކު ވޯޓު ދެއްވިއެވެ. ބަހުސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 3 މެމްބަރުންނެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކާއި ދިމާކޮށް އެމްޑީޕީގެ އެންމެ ބުރަ މަސައްކަތް ކުރި ބައެއް މީހުން ވަޒީފާތަކުން ވަކި ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫންކަމަށެވެ. އަދި މިގޮތަށް މިކަން ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ތިއްބެވި ބައެއް ބޭފުޅުންގެ ލަފާގެ މަތީންކަމަށާއި، މިކަމުން ގެއްލުންވާނީ އެމްޑީޕީއަށް ކަމުގައި ވަހީދު ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ، އެމްޑީޕީއަށް ވެރިކަން ހޯދައި ދިނުމުގައި، ބުރަ މަސައްކަތްތަކެއް ކުރެއްވި އެމްޑީޕީގެ މެމްބަރުން ވަޒީފާތަކުން ވަކި ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީ މިއަދު ވެރިކަމުގައި އޮތީ އެމަސައްކަތް ކުރި މެމްބަރުންގެ މަސައްކަތުން ކަމަށް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އެމްޑީޕީ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތައް ނިގުޅައި ގަތުމަށް ކުރާ މަސައްކަތަކީ ބަލައިގަނެވޭ މަސައްކަތެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ ރައީސަށް ލިބިދޭ ބާރުގެ ދަށުން ވަޒީފާ ދެއްވާފައިވާ ބޭފުޅުން މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާނަމަ، އެމީހަކު ވަޒީފާއިން ވަކި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރައްވަންޖެހޭ ކަމެއްކަމަށެވެ.

މިމައްސަލާގައި އެމްޑީޕީގެ މެމްބަރުންގެ އިތުރުން އިދިކޮޅު ބައެއް މެމްބަރުންވެސް ވަނީ ވާހަކަ ދައްކަވާފައެވެ. މި މައްސަލައަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅުވައިގެން ސިޔާސީ މަޤާމެއްގައި ވަޒީފާ އަދާކުރަމުންދިޔަ މީހަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައެކެވެ. މިކަމާއި ގުޅިގެން ސަރުކާރުން ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކޮށް، ގިނަ ބަޔަކު ސޮއިކޮށް ހުށަހެޅި ޕެޓިޝަނަކާއި ގުޅިގެން މައްސަލަ ބެލުމަށްފަހުގައިކަމަށެވެ.

ސަރުކާރުން ބުނެފައިވަނީ އިންތިޚާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން، މީހުން ވަޒީފާތަކުން ވަކިކޮށް، ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ، މި ސަރުކާރުން އެއްވެސް ހާލެއްގައި ޤަބޫލުކުރާނެ ކަމެއް ނޫންކަމަށެވެ.