ޚަބަރު

ޚާރިޖީ، ސިޔާސީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި


ރާއްޖެއާއި އިންޑިޔާއާ ދެމެދުގައި
ޚާރިޖީ އަދި ސިޔާސީ ގޮތުން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިޔާ ބޮޑުވަޒީރުގެ
ފަރާތްޕުޅުން ރާއްޖެއަށް ފޮނުއްވި ޙާއްޞަ މަންދޫބު އަދި އިންޑިޔާ ސަރުކާރުގެ
ފޮރިން ސެކްރެޓަރީ، ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާއި މަޝްވަރާކުރައްވައިފިއެވެ.



އެމަނިކުފާނު މިކަމާ ބެހޭ ގޮތުން
މަޝްވަރާކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިންޑިޔާ ސަރުކާރުގެ ފޮރިން
ސެކްރެޓަރީ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.



މިބައްދަލުކުރެއްވުމުގައި
ރައީސުލްޖުމްހޫރިއްޔާ ވަނީ ‏ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ
ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން އިންޑިޔާ ސަރުކާރުގެ ފޮރިން ސެކްރެޓަރީއާ މަޝްވަރާ ކުރައްވާފައެވެ.
މިގޮތުން ބައިނަލްއަޤްވާމީ މައިދާނުގައާއި، ސިޔާސީ މައިދާނުގައި އިންޑިޔާއިން
ރާއްޖެއަށް އެއްބާރުލުންދިނުމާ ބެހޭގޮތުންނާއި، އިޤްތިޞާދީ ދާއިރާއިންނާއި، ޞިއްޙީ
ދާއިރާގެ އިތުރުން ސަރަޙައްދީ ޓެރަރިޒަމް ނައްތާލުމައްޓަކައި މަސައްކަތްކުރެއްވުމާ
ބެހޭގޮތުން ވެސް މިބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އިންޑިޔާ
ސަރުކާރުގެ ފޮރިން ސެކްރެޓަރީ ދެއްކެވި ވާހަކަފުޅުގައި އިންޑިޔާއިން ރާއްޖޭގެ
ކަންތައްތަކުގައި އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން
ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.



މި ބައްދަލުކުރެއްވުމުގައި،
ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދޭތެރޭ ޤާއިމްވެފައިވާ ގާތް ގުޅުން އިތުރަށް
ހަރުދަނާ ކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ
ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މީގެ އިތުރުން، މިއަދުގެ
ބައްދަލުކުރެއްވުމުގައި އެމަނިކުފާނުވަނީ ރާއްޖޭގެ ސިޔާސީ ހާލަތު އޮތް ގޮތް
އިންޑިޔާ ސަރުކާރުގެ ފޮރިން ސެކްރެޓަރީއަށް އޮޅުންފިލުއްވައިދެއްވާ އެކަމާ
މަޝްވަރާކުރައްވާފައެވެ. އަދި ބައިނަލްޢަޤްވާމީ މައިދާނުގައި އެއްޤައުމު
އަނެއްޤައުމަށް އެއްބާރުލުން ދިނުމާއި ބެހޭގޮތުންވެސް ދެބޭފުޅުން ޙިޔާލު
ބަދަލުކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ.



މިބައްދަލުކުރެއްވުމުގައި،
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް
ދުންޔާ މައުމޫންއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޑރ.
ޢަލީ ނަޞީރު މުޙަންމަދުއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ
އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.