ކުޅިވަރު

2ވަނަ ބުރުގެ ފުރަތަމަ މެޗް ކާމިޔާބުކޮށް، ކިންގްސް މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި


ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަންގައި ކިންގްސްއިން ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށް، ކިންގްސްއިން މޮޅުވަމުންއައި ސިލްސިލާ ދަމަހައްޓައިފިއެވެ. ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ބުރުގައި އެންމެ ފަހުގެ ޗެންޕިއަން ކިންގްސްއިން ކުޅުނު ހުރިހާ މެޗެއްވެސް އެޓީމް ވަނީ ކާމިޔާބުކޮށްފައެވެ.

ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗު ކިންގްސް އިން ކާމިޔާބުކުރީ ރެޑްވިންގްސްއާ ވާދަކޮށްގެނެވެ. އެއީ 113 ޕޮއިންޓް 83 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ތިން ކުއާޓަރގައި ކިންގްސް އިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި 32 ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. ފަހު ކުއާޓާގައި ރެޑްވިންގްސް އިން ކިންގްސް އަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދި ނަމަވެސް ރެޑްވިންގްސް ޓީމަށް ކިންގްސް ބަލިކުރެވޭ ގޮތެއް ނުވިއެވެ. މިމެޗްގައި ކިންގްސްގެ ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމްގެ ބިދޭސީ ކުޅުންތެރިންގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރެޑްވިންގްސްގެ ތޯމަސް މަލިކެވެ. އޭނާ ވަނީ 37 ޕޮއިންޓް ހޯދާފައެވެ. އަދި ކިންގްސްގެ ބިދޭސީ ކުޅުންތެރިޔާ ޑެކޯރޭ ޖޯންސް ވަނީ 30 ޕޮއިންޓް ހޯދާފައެވެ.

ގައުމީ ލީގުގެ 2 ވަނަ ޑިވިޝަންގެ ލީގު ބުރުގެ މެޗުތައް ފަށާފައިވާއިރު، ވައިޕާސް ބީސީ ވުލްވްސް ބައްދަލުކުރި މެޗް 4 ޕޮއިންޓްގެ ތަފާތުން މެޗް ކާމިޔާބުކޮށްފައިވަނީ ވައިޕާސް ބީސީއެވެ. އެއީ 66 ޕޮއިންޓް 62 ޕޮއިންޓްއިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވައިޕާސް ބީސީގެ ޔޫސުފް އަވާންއެވެ. ޔޫއެން ފްރެންޑްސް އާއި ރޯޔަލް ބީސީ ވާދަކުރި މެޗް ކާމިޔާބުކޮށްފައިވަނީ ރޯޔަލް ބީސީއެވެ. މިމެޗް ރޯޔަލް ބީސީ ކާމިޔާބުކޮށްފައިވަނީ 94 ޕޮއިންޓް 82 ޕޮއިންޓުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނި ރޯޔަލް ބީސީގެ މުޙައްމަދު ޖިހާދެވެ.