ކުޅިވަރު

ކޮމަންވެލްތު ގޭމްސްއަށް އެތްލެޓިކްސްއިން 12 އެތުލީޓުންގެ ސްކޮޑެއް


ކޮމަންވެލްތު ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން 12 ދުވުންތެރިންގެ ސްކޮޑެއް އެކުލަވާލައިފިއެވެ. މި އަހަރުގެ ޖުލައި މަހު އިނގިރޭސިވިލާތުގެ ބަރމިންހަމްގައި އޮންނަ ކޮމަންވެލްތު ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން 12 ދުވުންތެރިންގެ ސްކޮޑެއް އެކުލަވާލާފައިވާއިރު، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއިން މިގޭސްއަށް ތައްޔާރުވުމަށް މަސައްކަތް ފަށާފައިވާއިރު، އެތުލެޓިކްސް އަކީ ދުރާލާ ކޮމަންވެލްސް ގޭމްސްއަށް ޔައްޔާރުވާން ފެށި އެއް ކުޅިވަރުއެވެ. އަދި އެތްލެޓިކްސްއަކީ ކޮމަންވެލްތުގައި ގޭމްސްގައި ވާދަކުރާނެކަން ޔަގީންވެފައިވާ އެއް ކުޅިވަރެވެ.

މިސްކޮޑްގައި ހިމެނެނީ ފިރިހެން ފަސް އެތުލީޓުންނަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އިބާދުﷲ އާދަމް، އަހުމަދު ވިސާމް، ހުސައިން ރިޒާ، އިބްރާހީމް ނާހިލް ނިޒާރެވެ. އަންހެން އެތުލީޓުންނަކީ މަރިޔަމް ރޫޔާ ޢަލީ، ޢާއިޝަތު ހިމްނާ ހަސަން، ސާރާ މަސްއޫދު، ޢާއިޝަތު ޝަބާ ސަލީމް، މަރިޔަމް އަލްހާ ހުސައިން، އާމިނަތު ލަޔާނާ މުޙައްމަދު އަދި ރިފާ މުޙައްމަދެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މި12 ކުޅުންތެރިން ހޮވާފައިވަނީ މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު މާލެ އާއި އަތޮޅު ތެރޭގައި ބޭއްވި ޓައިމް ޓްރައަލްގެ ނަތީޖާތަކަށް ބެލުމަށްފަހުގައެވެ. އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުންތަގިމް ބުނީ އަބަދުވެސް އެތްލެޓިކްސްއިން ކޮމަންވެލްތް ގޭމްސްއަށް ވަރަށް އިސްކަމެއްދީގެން ތައްޔާރުވާކަމަށާއި މިފަހަރުވެސް މިހާކުރިން ގޭމްސްއަށް ތައްޔާރުވާން ފެށީ ރަގަނޅު ނަތީޖާއެއް ހޯދުމުގެ ބޭނުމުގައިކަމަށެވެ. އަދި ފައިނަލް ސްކޮޑް އިޢުލާންކުރާނީ އެތްލެޓިކްސް އެސޯސިއޭޝަންއިން ކަޑައަޅާ މިންގަނޑުތަށް ފުރިހަމަކުރާ އެތްލީޓުންނާއެކު ފަހުގެ ތާރީހެއްގައިކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މަޢުލުމާތު ދީފައިވެއެވެ. މުންތަގިން ބުނީ 100 މީޓަރު އާއި 400 މީޓަރުގައި ދުވާއިރު، މިހާރު އެކުވަލާފައިވާ 12 އެތުލީޓުންނަށް ވަކި ހާއްސަ ޓާގެޓެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ފައިނަލް ސްކޮޑް އިޢުލާންކުރުމުގެ ކުރިން ޓައިމް ޓްރަޔަލްއެއް ބާއްވާ އެސޯސިއޭޝަން ނިންމާ ޓާގެޓް ހާސިލްކުރާ ދުވުންތެރިންނަށް ފައިނަލް ސްކޮޑްއިން ފުރުސަތު ދޭނެކަމަށް މުންތަގިމް ވިދާޅުވިއެވެ. އަދި މިގޭމްސްއަށް އެތްލެޓިކްސްއިން ދާނެ އެތުލީޓުން ނިންމާނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއާއި މަޝްވަރާ ކުރުމަށްފަހުގައިކަމަށްވެސް މުންތަގިމް ވިދާޅުވިއެވެ.

ކޮމަންވެލްތު ގޭމްސް އޮންނާނީ މި އަހަރުގެ ޖުލައި 28 އިން އޮގަސްޓަށް ވަނަ ދުވަހުގެ ނިޔަލަށް އިންގްލެންޑްގެ ބަރމިންހަމްގައެވެ.