މުނިފޫހިފިލުވުން

ރާގަށް ލަވައެއް ކިޔާލަން ބޭނުންތަ؟ މިއޮތީ ރަނުގެ ފުރުޞަތެއް


ޕީ.އެސް.އެމްގެ ދިވެހި އެފްއެމްއިން އިންތިޒާމްކޮށްގެން ބާއްވާ "ލަވަބާޒީ" މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މިއީ ކުރިއަށްއޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން ދިވެހި އެފް.އެމުން މުޅިން އަލަށް ފެށުމަށް ތައްޔާރުވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ 2 މެންބަރުންގެ ޓީމެއް ހަދައިގެންނެވެ. މި މުބާރާތް ޚާއްސަކޮށްފައިވަނީ 16 އަހަރުން މަތީގެ ފަރާތްތަކަށެވެ. އަދި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް މި މުބާރާތުގައި ބައިވެރިވެވިދާނެއެވެ.

މުބާރާތުގައި ބައިވެރިވާން ޝަޢުގުވެރިވާ ފަރާތްތަކުން LB ޖެހުމަށްފަހު ހުސްތަކޮޅެއް ދޫކޮށްފައި، ޓީމު މެންބަރުންގެ ނަން، އެޑްރެސް އަދި އުމުރު ޖެހުމަށްފަހު 300 އަށް އެސް.އެމް.އެސްކުރުމުން ނަން ނޯޓުކުރެވޭނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށެވެ.

1443 ވަނަ އަހަރުގެ ރަމަޟާންމަހު ދިވެހި އެފް.އެމުން ގެނެސްދޭ "ލަވަބާޒީ" މުބާރާތުގައި ކޮންމެ ޝޯވއެއްގައިވެސް 2 ޓީމަކުން ވާދަކުރާނެއެވެ. އެކި ބުރުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެ ޝޯވއަކުންވެސް މޮޅުވާ ޓީމެއް ސެމީގައި ވާދަކުރާނެއެވެ. އަދި ސެމީން މޮޅުވާ ދެ ޓީމެއް ފައިނަލަށް ދަތުރުކުރާނެއެވެ.

މި މުބާރާތުގައި ވާދަކުރާނެ ޓީމުތައް ކަނޑައަޅާނީ މުބާރާތުގައި ބައިވެރިވުމަށް އެސް.އެމް.އެސް ކުރާ ޓީމުތަކުގެ މެދުގައި ގުރުއަތަކުންނެވެ. އަދި މުބާރާތުގެ ޝޯވތަކަށް ސްޓޫޑިއޯއަކަށް އަންނާކަށް ނުޖެހޭނެއެވެ. އެ ޓީމެއް ހުރި ހިސާބެއްގައި ހުރެ، އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ރިކޯޑިންގ ހަދާލެވޭނެއެވެ.

މި މުބާރާތައްވެސް ވަނީ އަގުހުރި ފައިސާގެ އިނާމްތަކެއް ކަނޑައަޅާފައެވެ. އެގޮތުން މުބާރާތުން އެއްވަނައަށް ދާ ޓީމަކަށް 7000 ރުފިޔާ، އަދި ދެވަނަ ޓީމަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ.

ދިވެހި އެފްއެމްއަކީ ލަވައާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ލޯބިކުރާ އެހުންތެރިންގެ މެދުގައި މަޤްބޫލު ރޭޑިއޯ ޗެނަލެކެވެ. އަދި ވަކިން ޚާއްސަކޮށް ރަމަޟާންމަހަށް ޚާއްސަކޮށްގެން ދިވެހި އެފް.އެމުން ކުރިއަށްގެންދާ ޝޯވތަކަކީ އެހުންތެރިންގެ ބޮޑު ސަމާލުކަމެއް ލިބިގެންދާ ޝޯވތަކެކެވެ. މިއަހަރުގެ ރަމަޟާންމަހަށްވެސް ތަފާތު ޝޯވތަކެއް ގެނެސްދިނުމަށް ދިވެހި އެފްއެމްގެ ހީވާގި ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ.