ޚަބަރު

2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގް ކާމިޔާބުވާނެ: ބައްސާމް


މުޅި ރާއްޖެ ހިމެނޭގޮތަށް ކުރިއަށްގެންދަން ނިންމާފައިވާ 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. މުޅި ރާއްޖެ ހިމެނޭގޮތަށް ކުރިއަށްގެންދަން ނިންމާފައިވާ 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގްގެ ލޯގޯ ރަސްމީކޮށް މިހާރުވަނީ ލޯންޗްކޮށްފައެވެ. އަދި ލީގްގެ އެކި ފަންތިތައް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތުވެސް މިހާރުވަނީ އާންމުކޮށްފައެވެ.

2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގްގެ ލޯގޯ ރަސްމީކޮށް ލޯންޗްކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފާއިތުވެގެން ދިޔަ 5 އަހަރުގައި ރާއްޖޭގެ ފުޓްބޯޅައި އެކި ގޮތްގޮތަށް ބައްޓަން ކުރުމަށްޓަކައި އެފްއޭއެމުން ވަރަށް ގިނަ ތަޖްރިބާތަކެއްކޮށްފައިވާ ކަމަށެވެ. 2015ވަނަ އަހަރުން ފެށިގެން އެފްއޭއެމުންވަނީ އަތޮޅު މުބާރާތް އެކި ގޮތްގޮތަށް ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހޯމް އެންޑް އަވޭ އުސޫލުން، ސެންޓްރަލައިޒްކޮށް، އެއް ދަނޑެއްގައި މެޗްތައް ކުޅެފައިވެއެވެ. ބައްސާމް ވިދާޅުވީ މި5 އަހަރު ތެރޭގައި މިމުބާރާތްތައް ކުރިއަށް ގެންދިއުމަށް ދިމާވި ދަތިތަކާއި، ހުރަސްތަކުގެ އިތުރުން އަތޮޅު ތެރޭގައި ކަންކަން ކުރަންވީ ގޮތް ވަރަށް ރަނގަޅަށް ދެނެގަނެވިފައިވާކަމަށެވެ. ބައްސާމް ވިދާޅުވީ މިކުރެވުނު ތަޖްރިބާގެ އަލީގައި ރަނގަޅު ކުރަންވީ ކަންތައްތައް ދެނެގަނެ، އަތޮޅު ތެރޭގައި މުބާރާތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، އެކަންކަން ކުރާނެ ގޮތްތައް މިހާރު ދަސްވެފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި މިހުރިހާ ތަޖްރިބާގެ އަލީގައި 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ބައްސާމް ވިދާޅުވިއެވެ.

"މީއީ އަތޮޅުތެރޭގެ ކުލަބްތަކަށް، އެންމެ މަތީ ފަންތީގައި ވާދަކުރުމަށް ފުރުސަތު ލިބިގެންދިއުން. އަދި ހަމައެއާއި އެކީގައި މިވަގުތު މާލޭގައި ޕްރިމިއަރ ލީގްގައި ވާދަކުރަމުންދާ ކުލަބްތައް، އަތޮޅު ތެރެއަށް ދަތުރުކޮށް އަދި އަތޮޅު ތެރޭގެ ކުލަބްތައް މާލޭގެ ގަލޮޅު ދަނޑުގައި މެޗްތައް ކުޅެން ފުރުސަތު ލިބިގެންދިއުން. އަޅުގަނޑުމެންނަށް ކުރެވުނު ތަޖްރިބާގައި އެކި ރަށްރަށުގައި މުބާރާތްތައް ކުރިއަށް ގެންދެވުނުއިރު، އަޅުގަނޑުމެންނަށް ދިމާވި ވަރަށް ގިނަ ދަތިތަކެއް ހުރި. ޓީމްތައް ކުޅޭނެ ރަނގަޅު ދަނޑުތައް ނެތުން، އެކަމޮޑޭޝަންގެ ކަންތައްތަކުގައިވެސް ގިނަ ދަތިތަކެއް ހުރި. އަދި ޓީމްތައް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައިވެސް ދިމާވި އުނދަގޫތައް އަޅުގަނޑުމެންނަށް ތަޖްރިބާ ކުރެވުނު. މިއާއެކު ވަރަށް ގިނަ ކަންތައްތައް ކުރިއައްއޮތްތާގައި ރަނގަޅު ކުރެވޭނެ." ބައްސާމް ބުންޏެވެ.

އެފްއޭއެމްއިންވަނީ 2023/2024ވަނަ އަހަރު ސީޒަން ކުރިއަށްގެންދަން މުޅި ރާއްޖެ 4 ޒޯނަކަށް ބަހާލާފައެވެ. ޒޯން 1ގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ.އަތޮޅެވެ. ޒޯން 2ގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ.އަތޮޅެވެ. ޒޯން ތިނެއްގައި ހިމެނެނީ ތ، ލ، ގއ، ގދ، ޏ، ސ.އަތޮޅެވެ. އަދި ޒޯން 4 އެއީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަނެވެ.

އާ ފޯމެޓާއެކު އެފްއޭއެމްއިން ބޭނުންވަނީ ފުޓްބޯޅައިގެ ފޯރި މުޅި ރާއްޖެއަށް ފަތުރާލާށެވެ. އެއާއެކު 53 ރަށުން 61 ޓީމް ވަނީ ކޮލިފިކޭޝަންގައި ބައިވެރިވެފައެވެ. 2023/2024ވަނަ އަހަރުގެ އާ ފޯމެޓާއެކު ތިން ޑިވިޝަނެއް ކުރިއަށްދާނެއެވެ. އެއީ އޯޕަން ޑިވިޝަނާއި 3ވަނަ ޑިވިޝަން، ދެވަނަ ޑިވިޝަން އަދި ފުރަތަމަ ޑިވިޝަނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށްދާނީ ރަށު ފެންވަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޯޕަން ޑިވިޝަނެވެ.