ޚަބަރު

އެމްޑީޕީ އިންތިޚާބުތަކުގެ ވޯޓާސް ލިސްޓް އާއްމުކޮށް، ޝަކުވާއަށް ހުޅުވާލައިފި


މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރު އިންތިޚާބުގެ ވޯޓުލާ މީހުންގެ ލިސްޓު އާއްމުކޮށް ޝަކުވާއަށް ހުޅުވާލައިފިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 16 ވަނަ ދުވައެވެ.

ވޯޓުލާ މީހުންގެ ލިސްޓާއި ބެހޭ ޝަކުވާ ހުށަހެޅުމަށް އެދޭ ފަރާތްތަކުން [email protected] އަށް ޝަކުވާގެ ތަފްސީލާއެކު އައިޑީ ކާޑުގެ ކޮޕީއެއް އީމެއިލް ކުރެއްވުމަށް އެޕާޓީން ވަނީ އެދިފައެވެ. އަދި ޝަކުވާ ހުށަހެޅުއްވުމުގެ ސުންގަޑިއަކީ އަންނަމަހުގެ 10 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00 އާހަމަށް ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ މިފަހަރުގެ އިންތިޚާބުތަކުގެ ތެރެއިން އެންމެ ފޯރިގަދަ ވެފައިވަނީ ޗެއަޕާސަންގެ އިންތިޚާބެވެ. މިއިންތިޚާބުގައި ވާދަކުރަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

އެމްޑީޕީގެ އެތެރޭގެ މުހިންމު އިންތިޚާބުތަކެއް އޭޕްރީލްމަހު ބާއްވާއިރު އެޕާޓީގެ ކޮންގްރެސް އޯގަސްޓް މަހުގެ 4ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.