ޚަބަރު

އެއަރޕޯޓުގައި އޮޓޯ-ގޭޓް ހަރުކުރުމުގެ މަސައްކަތް ނިންމާލައިފި


އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި އޮޓޯ-ގޭޓް ހަރުކުރުމުގެ މަސައްކަތް ނިމި، ޓެކްނިކަލް ގޮތުން ހަދަންޖެހޭ ޓެސްޓްތައް ހެދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިމިގްރޭޝަން ޑިޕާޓްމަންޓްގެ މީޑިއާ އޮފިސަރ ޙަސަން ޙަލީލް ވިދާޅުވީ، އެއަރޕޯޓުގެ ޑިޕާޗަރ ގޭޓާއި، އެރައިވަލް ގޭޓުގައި ހަރުކުރުމަށް ހަމަޖެހިފައިވާ ތިން އޮޓޯ-ގޭޓްވެސް ހަރުކޮށް ނިމިފައިވާ ކަމަށެވެ. އަދި އޮޓޯ-ގޭޓްތައް ބޭނުންކުރަން ފެށުމުގެ ކުރިން ޓެކްނިކަލް ގޮތުން ހަދަންޖެހޭ ޓެސްޓްތައް ހެދުމުގެ މަސައްކަތް ފަންނީ ބޭފުޅުންގެ އެހީތެރިކަމާއިއެކު، މިހާރު ކުރަމުންދާ ކަމަށެވެ. އޮޓޯ-ގޭޓްގެ ޚިދުމަތާއިއެކު ފަސިންޖަރުން ޕާސްޕޯޓްގައި ތައްގަނޑުޖަހަން އިމިގްރޭޝަން ކައުންޓަރުގައި މަޑުކުރަން ނުޖެހޭނެކަމަށް އެ ޑިޕާޓްމަންޓުން މަޢުލޫމާތުދެއްވައެވެ. އޮޓޯ-ގޭޓްގައި ޕާސްޕޯޓާއި، ބޯޑިން ކާޑު ސްކޭން ކުރުމަށްފަހު އިނގިލީގެ ނިޝާން ނަގާނެއެވެ. އެއާއިއެކު ގޭޓް ހުޅުވިގެންދާނީ ފަސިންޖަރުގެ މަޢުލޫމާތުތައް މެޝިންގެ އެހީގައި ކަށަވަރު ކުރުމަށްފަހުގައެވެ. މި ޚިދުމަތް ފުރަތަމަ ދޭން ފަށާނީ ދިވެހިންނަށް ކަމަށް އިމްގްރޭޝަނުން ވިދާޅުވެއެވެ. ރާއްޖެއަށް އަލަށް ތަޢާރަފު ކުރުމަށް ހަމަޖެހިފައިވާ ޕާސްޕޯޓާއިއެކު، އޮޓޯ-ގޭޓްގެ ޚިދުމަތްވެސް މިމަހުގެ ފަހުކޮޅު ތަޢާރަފު ކުރެވިގެންދާނެ ކަމަށްވެސް އެ ޑިޕާޓްމަންޓުން މަޢުލޫމާތުދެއްވައެވެ.