ވިލާތުގެ ޤައުމުތަކުގެ މަތިންދާބޯޓުތައް ރަޝިޔާގެ ވައިގެ ސަރަޙައްދަށް ވަނުން އެ ޤައުމުން މަނާކޮށްފިއެވެ.
ވިލާތުގެ ޤައުމުތަކާއި ކެނެޑާ ހިމެނޭހެން 30އަށްުވުރެ ގިނަ ޤައުމަށް ނިޞްބަތްވާ އެއްވެސް މަތިންދާބޯޓެއް ރަޝިޔާގެ ވައިގެ ސަރަޙައްދަށް ވަނުން އެ ޤައުމުން މަނާކޮށްފައިވަނީ ރަޝިޔާގެ މަތިންދާބޯޓުތައް ވިލާތުގެ އިއްތިޙާދުގައި ހިމެނޭ 27 ޤައުމުގެ ވައިގެ ސަރަޙައްދު ބޭނުންނުކުރޭނެކަމަށް ކަނޑައެޅުމުން އެ ކަމުގެ ބަދަލެއްގެ ގޮތުގައެވެ. އޭގެ އިތުރުން ރަޝިޔާގެ ޤައުމީ އެއަރލައިނުކަމަށްވާ އޭރޯފުލޯޓުންވަނީ އެމެރިކާއާއި މެކްސިކޯއާއި ކިޔުބާއާއި ޑޮމިނިކް ރިޕަބްލިކަށް ކުރަމުންދާ ދަތުރުތައް ހުއްޓާލައިފައެވެ.
ޔޫކްރެއިނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން އޭރޯފުލޯޓުން އިނގިރޭސިވިލާތަށް ދަތުރުކުރުންވަނީ މަނާކޮށްފައެވެ. އަދި އިނގިރޭސިވިލާތުގެ އެންމެ ބޮޑު ފުޓުބޯޅަ ކުލަބުކަމަށްވާ މެންޗެސްޓަރ ޔުނައިޓަޑުންވަނީ އޭރޯފުލޯޓާއެކުވެފައިވާ ސުޕޮންސަޝިޕު އެއްބަސްވުން އުވާލައިފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ޤައުމުކަމަށްވާ ރަޝިޔާގެ ވައިގެ ސަރަޙައްދު 25 މިލިޔަން އަކަކިލޯމީޓަރަށްވުރެ ބޮޑެވެ، އަދި އޭޝިޔާއާއި ވިލާތާއި އުތުރު އެމެރިކާގެ ޤައުމުތަކުގެ މެދުގައި ދަތުރުފަތުރުކުރުމަށް ރަޝިޔާގެ ވައިގެ ސަރަޙައްދު ބޭނުންކުރެއެވެ. އެހެންކަމުން ރަޝިޔާގެ ވައިގެ ސަރަޙައްދު ބޭނުންކުރުން މަނާކުރުމުން ހުޅަނގުގެ އެއަރލައިނުތަކަށް ދަތުރުކުރަން ޖެހޭ ރާސްތާ ދިގުވެ ތެލަށްކުރައި ޚަރަދު އިތުރުވެ ވައިގެ ދަތުރުފަތުރުގެ އަގު ބޮޑުވާނެއެވެ.