ވިޔަފާރި

ވިލިމާލޭގައި މިކްސްޑް މާކެޓެއް އަޅައި ހިންގާނެ ބަޔަކު ހޯދަނީ!


ވިލިމާލޭގައި މިކްސްޑް މާކެޓެއް އަޅައި ހިންގާނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، މާލޭ ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ މިކްސްޑް މާރުކޭޓުތަކަކީ މިހާރު މާރުކޭޓު ހިންގާ އުސޫލު ބަދަލުކޮށް ޒަމާނާއި އެއްގޮތަށް އެއްތަނަކުން ހުރިހާ މިފަދަ ޙިދުމަތްތައް ލިބޭ ގޮތަށް ތައްޔާރުކުރާ ތަންތަންކަމަށެވެ. އެގޮތުން މި މާރުކޭޓުތަކުން ވިޔަފާރި ބޭނުމަށް ގޮޅިތައް ދޫކޮށް ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރާނެކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ވިލިމާލޭގައި މިކްސްޑް މާކެޓެއް އެޅުމަށް ސިޓީ ކައުންސިލުން މިހާރު ސަރަހައްދެއް ކަނޑައަޅާފައިވާއިރު، މި މާކެޓަކީ އެކި ބާވައްތައް ވިއްކޭ ގޮތަށް ތައްޔާރު ކުރާ މާކެޓެކެވެ. މާލޭ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، 10،000 އަކަ ފޫޓޫގެ ސަރަހައްދެއްގައި މިކްސްޑް މާކެޓެއް އަޅައި ހިންގާނެ ފަރާތެއް ބޭނުންވެއެވެ. މި އިމާރާތް 2 ފްލޯއަކަށް ހާދައިރު ގްރައުންޑް ފްލޯގައި ހިންގާނީ ފިޝް މާކެޓެކެވެ. އަދި ފުރަތަމަ ފްލޯގައި ވެޓް މާކެޓެއް ހިނގާނެއެވެ. މިތަނުން ތަރުކާރިއާއި މޭވާ އަދި އެހެނިހެން ބާވައްތައް ލިބޭނެއެވެ.

މިތަން އެޅުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ރެޖިސްޓްރީ ކުރަންޖެހޭ އެންމެ ފަހުގެ މުއްދަތަކީ ކުރިއަށް އޮތް މާރިޗު މަހު 5 ވަނަ ދުވަހު ނިޔަލަށެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާރިޗު 24 ވަނަ ދުވަހުއެވެ. މި މަޝްރޫޢަށް ބިޑް ސެކިއުރީޓީގެ ގޮތުގައި 50،000ރ. ދައްކަން ޖެހެއެވެ.

މި މަޝްރޫޢޫގެ ދަށުން ވިލިމާލާ ބިލިޑިންގް ކޯޑާއި އެއްގޮތްވާ ގޮތުގެ މަތިން، މާރުކޭޓު އިމާރާތް އަޅައި، އެތަން ހިނގޭ ފެންވަރަށް ތައްޔާރު ކުރަން ޖެހެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތައް އެތަން ހިނގުމަށްވެސް މަޝްރޫޢުގައި ހިމެނިފައިވެއެވެ.

މާލޭ ސިޓީ ކައުންސިލުން ތައްޔާރުކޮށްފައިވާ މާލޭ-ވިލިމާލެ އިންވެސްޓްމެންޓް ޕްލޭނުގައިވާ ގޮތުން މާލޭ އަދި ވިލިމާލޭގައި މިކްސްޑް މާކެޓުގެ އިތުރުން، ހޯލް ސޭލް ސެންޓަރާއި އޮފީސް އިމާރާތްތަކުގެ އިތުރުން ކޮމާޝަލް ބިލްޑިންގް ބިނާ ކުރާނެއެވެ.