ކުޅިވަރު

ކަރަބާއޮ ކަޕްގެ ޗެމްޕިއަންކަން ލިވަޕޫލް ހޯދައިފި


ކަރަބާއޮ ކަޕްގެ ޗެމްޕިއަންކަން ލިވަޕޫލް ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ލިވަޕޫލްއިން ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި ޗެލްސީ އާއި ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ލިވަޕޫލުންނެވެ. ނަމަވެސް މިމެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު އިތުރު ވަގުތުގެ ދެހާފްގައި ވެސް ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ލިވަޕޫލަށް ކުރި ލިބުނީ 11 ލަނޑު 10 ލަނޑުންނެވެ. މިމެޗްގެ އިތުރު ވަގުތު ނިމެން ކައިިރި ވެފައިވަނިކޮށް ޗެލްސީއިން ވަނީ އެޓީމްގެ ފުރަތަމަ ކީޕަރ އެޑުއާޑް މެންޑީގެ ބަދަލުގައި ބަދަލު ކީޕަރ ކެޕާ އަރީޒާބަލާގާ އަރުވާފައެވެ. ނަމަވެސް ޕެނަލްޓީ ޝޫޓްއައުޓްގައި ޗެލްސީ ބަލިވީ ކެޕާ ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. މިމެޗްގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި ބޭކާރުވިކަން ފާހަގަ ކޮށްލެވެއެވެ.

މިއީ ލިވަޕޫލުން މިމުބާރާތުގެ ތަށި އުފުލާލި 9 ވަނަ ފަހަރެވެ. ކަރަބާއޮ ކަޕް ވޭތުވެދިޔަ ހަތަރު ސިޒަންގައި ކާމިޔާބުކޮށްފައިވަނީ މެންޗެސްޓަރ ސިޓީއިންނެވެ. މި ތަށްޓާއެކު އިންގްލަންޑްގެ ފުޓްބޯޅަ ސީޒަންގެ ފުރަތަމަ ތަށި މިވަނީ ލިވަޕޫލުން ކާމިޔާބުކޮށްފައެވެ.