ކުޅިވަރު

ސަސް ބަލިކޮށް އީގަލްސްއިން މުހިންމު ޕޮއިންޓެއް ހޯދައިފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ކުލަބް އީގަލްސްއިން ލީގުގައި މުހިންމު ޕޮއިންޓެއް ހޯދައިފިއެވެ. މިމެޗް އީގަލްސްއިން ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ.

ލީގުގައި އެންމެ ފަހު މާޒިޔާއަތުން ކުލަބް އީގަލްސް ބަލިވެފައި އޮތުމުން މިމެޗުން މޮޅުވުމަށް އީގަލްސްއަށްވަނީ ވަރަށް މުހިއްމުވެފައެވެ. މެޗް ފެށިގެން އެންމެ ފުރަތަމަ ފުރުސަތު ލިބުނީ ސަސްގެ ޢަލީ ނަސޫހު ރަޝީދު (ޕިލާ)އަށެވެ. ނަމަވެސް ނަސޫހު ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެންނެވެ. މެޗްގެ ކުރީކޮޅުގައި ދެ ޓީމްގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗް ކުރިއަށްދިޔަ ވަރަކުން އީގަލްސްއިން މެޗްގެ ތެރެއަށްވަދެ، ގިނަ ހަމަލާ އުފެއްދިއެވެ. އެގޮތުން އެޓީމުގެ އިޓަލީ މިޑްފީލްޑަރު ޖިއަކޯމޯ ފަވޭރޯ އާއި އަޙުމަދު ރިޒްވާން (ރިޒޭ)އަށް ލިބުނު ފުރުސަތުގެ ބޭނުން މިދެ ކުޅުންތެރިންނަށް ހިފޭ ގޮތެއްނުވިއެވެ. މެޗްގައި ސަސްއަށް ވެސް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތު ލިބިގެންދިޔައެވެ. އެޓީމްގެ ކެޕްޓަން ޢަބްދުﷲ ހަނީފް (ބެންޖޯ) އާއި އަހުނަފް ރަޝީދު (އަހުއްކޮ)އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗްގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ އީގަލްސްއިންނެވެ. މިލަނޑު މެޗްގެ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި އީގަލްސްއަށް ކާމިޔާބުކޮށްދިނީ އަހުމަދު ހަސަންއެވެ.

މެޗްގެ ދަވަނަ ހާފްގައިވެސް މޮޅަށް ކުޅެފައިވަނީ ކުލަބް އީގަލްސްއިންނެވެ. މެޗްގެ 58ވަނަ މިނެޓްގައި ސަސްގެ ނަސޫހު ރަޝީދު (ޕިލާ) އީގަލްސްގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯލަ ޖަހާނެ ކުޅުންތެރިއަކު ނެތުމުން އެބޯޅަ ވެސް ބޭކާރުވިއެވެ. މެޗްގައި އީގަލްސްއިން އެޓީމްގެ ދެވަނަ ލަނޑު ޖެހީ މެޗްގެ 81ވަނަ މިނެޓްގައެވެ. މިލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޢަބްދުﷲ ޒިޔާންއެވެ. އީގަލްސްއިން ލީޑް ފުޅާކުރިތާ މިނެޓެއް ވެސް ނުވަނީސް ރެފްރީ ވަނީ ސަސްއަށް ޕެނަލްޓީއެއް ދީފައެވެ.

މިއީ ސަސްގެ ޔަސްފާދު ހަބީބު (މުލަކޭ) އަށް އޭރިއާތެރެއިން އީގަލްސްގެ ކީޕަރު ލެބަނަންގެ މުޙައްމަދު ތަހާ ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ. މިލަނޑު ސަސްއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޢަބްދުﷲ ހަނީފް (ބެންޖޯ)އެވެ. މެޗްގެ ރެފްރީ ޢަބްދުﷲ ޝާތިރު ސަސްއަށް މިޕެނަލްޓީ ދިނުމުން ކުލަބް އީގަލްސްގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ. މިލަނޑަށްފަހުވެސް މެޗްގެ ނަތީޖާ ހަމަހަމަކުރުމަށް ސަސްއިން މަސައްކަތްކުރިއެވެ. ނަމަވެސް މެޗު ނިމިގެން ދިޔައިރުވެސް ސަސްއަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.