ކުޅިވަރު

މާޒިޔާއިން ޓީސީ ބަލިކޮށް މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ބަލިކޮށް މާޒިޔާއިން ލީގްގައި މޮޅުވަމުންއައި ސިލްސިލާ ދަމަހައްޓައިފިއެވެ. އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ މާޒިޔާ މެޗް ކާމިޔާބުކޮށްފައިވަނީ ޓީސީ ސްޕޯޓްސް ކުލަބްގެ މައްޗަށް 3 ލަނޑު 0 ލަނޑުން ކުރި ހޯދައިގެންނެވެ.

މިމެޗްގައި މާޒިޔާއިން މޮޅު ކުޅުމެއްދައްކާފައިވާއިރު، ގިނަ ހަމަލާތައް ވެސް އުފައްދާފައިވަނީ މާޒިޔާއިންނެވެ. މެޗްގައި މާޒިޔާއިން އެންމެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ އެޓީމާއި އަލަށް ގުޅުނު ސްޕެއިނުގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒެވެ. ނަމަވެސް ޓާނާއަށް ލިބުނު ދެ ފުރުސަތުގެ ވެސް ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ. މެޗްގައި ގިނަ ވަގުތު ބޯޅަ ގެންގުޅުނު މާޒިޔާއިން މެޗްގެ ފުރަތަމަ ގޯލް ޖެހީ މެޗްގެ 22ވަނަ މިނެޓްގައެވެ. މިލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އައިސަމެވެ. މެޗްގެ ފުރަތަމަ ހާފްގައި މާޒިޔާއިން ގިނަ ވަގުތު ބޯޅަ ގެންގުނު ނަމަވެސް، އެޓީމަށް ޓީސީގެ ގޯލާ ދިމާލަށް މާނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

އެންމެ ފަހުގެ ލީގް ޗެންޕިއަން މާޒިޔާއިން މެޗްގެ ދެވަނަ ހާފްގައި ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެންފެށިއެވެ. އެޓީމުގެ ކުރިއަށް ކުޅެމުންދިޔަ ކުޅުންތެރިން ހަމްޒާ މުޙައްމަދާއި ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި ނާއިޒް ހަސަން ވަނީ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައެވެ. މާޒިޔާގެ ކުޅުންތެރިން ޓީސީގެ ގޯލަށް ފޮނުވާލަން މަސައްކަތް ކުރި ގިނަ ބޯޅަތައް ދިޔައީ ގޯލާ ސީދާ ނުވެ ބޭރަށެވެ. މެޗްގެ ދެވަނަ ހާފްގައި މާޒިޔާގެ ލީޑް ފުޅާކުރުމަށް ސްޓެވާޓަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އޭނާއަށްވެސް ޓީސީގެ ގޯލްގެ ތިން ތަނޑިން ބޯޅަ އެތެރެކޮށްލެވޭ ގޮތެއް ނުވިއެވެ.

މަޒިޔާއިން މެޗްގައި ލީޑް ފުޅާކުރީ މެޗްގެ 80ވަނަ މިނެޓްގައެވެ. މާޒިޔާގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޯނޭއެވެ. މެޗްގެ ފަހުކޮޅަށް ދިޔަވަރަށްކަށް މާޒިޔާއިން ޓީސީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލަން މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މާޒިޔާއިން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހައި ލީޑް ފުޅާކޮށްފައެވެ. މެޗްގެ 82ވަނަ މިނެޓްގައި މާޒިޔާއަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުޙައްމަދެވެ. މިލަނޑު ހަމްޒާ ޖަހައިފައިވަނީ އޭނާގެ އަމިއްލަ ހުނަރު ބޭނުންކޮށްގެންނެވެ.

ޓީސީ އަތުން ހޯދި މޮޅާއެކު މާޒިޔާ ލީގުގެ 1 ވަނައިގައި އޮތީ އެޓީމު ކުޅުނު 3 މެޗުވެސް ކާމިޔާބުކޮށްގެން 9 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑް ވިކްޓްރީ، ވެލެންސިއާ އަދި އީގަލްސް އަށް 3 މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ. މި ތިން ޓީމުގެ ތެރެއިން ފައިދާ ގޯލުން ކުރި ލިބޭތީ 2 ވަނައިގައި އޮތީ ޔުނައިޓެޑް ވިކްޓްރީއަށެވެ. ތިން ވަނަ މަގާމް ލިބެނީ ވެލެންސިޔާއަށެވެ. ޓީސީ އޮތީ ލީގު ތާވަލްގެ 6 ވަނައިގައި 3 ޕޮއިންޓާއެކުއެވެ.