ޚަބަރު

ކަޅެގަލެކޮޑާ ސަރފިން މުބާރާތުގެ ޗެންޕިއަންކަން ސްމައިލީއަށް


ކަޅެގަލެކޮޑާ 2022 ސަރފިން މުބާރާތުގެ ޗެންޕިއަންކަން އިސްމާއީލް ރަޝީދު (ސްމައިލީ) ދިފާއުކޮށްފިއެވެ. މިއީ ސަރފިން އެސޯސިއޭޝަނުން މިއަހަރު ބޭއްވި ފުރަތަމަ މުބާރާތެވެ. ގައްދޫގައި ކުރިއަށްދިޔަ ކަޅެގަލެކޮޑާ 2022 މުބާރާތުގެ ފިރިހެން އޯޕަން ޝޯޓް ބޯޑްގެ ޗެންޕިއަންކަން އިސްމާއީލް ރަޝީދު ހޯދާފައިވަނީ ފައިނަލްގައި ނަޖާހް މުހައްމަދުއާ ވާދަކޮށްގެންނެވެ.

ގދ، ގައްދޫ ރާޅުގަނޑުގައި މިއަދު ހަވީރު ބޭއްވި ސަރފިން ފައިނަލް، އިސްމާޢީލް ރަޝީދު ކާމިޔާބު ކުރީ 14.36 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. އިސްމާއީލް ރަޝީދު ގިނައިން ސްކޯ ކުރީ ފުރަތަމަ ރާޅުގައެވެ. އެރާޅުގައި 7.33 ޕޮއިންޓް ސްކޯ ކުރިއިރު، ހަތަރުވަނަ ރާޅުގައި އަހުމަދު ރަޝީދުވަނީ 7.03 ޕޮއިންޓް ސްކޯކޮށްފައެވެ. އިސްމާއީލް ރަޝީދު 14.36 ޕޮއިންޓް ސްކޯ ކުރީ ހަ ރާޅުގައި އަޅައިގެންނެވެ.

ފައިނަލްގައި އިސްމާއީލް ރަޝީދު އާއި ވާދަކުރި ނަޖާހްވަނީ 13.57 ސްކޯކޮށްފައެވެ. ނަޖާހް އެންމެ ގިނައިން ސްކޯ ކުރީ ތިންވަނަ ރާޅުގައެވެ. އެއީ 6.90އެވެ. ދެން ނަޖާހް އެންމެ ގިނައިން ސްކޯ ކުރީ ދެވަނަ ރާޅުގައެވެ. އެއީ 6.67 އެވެ. އަދި ހަތްވަނަ ރާޅުގައި ނަޖާހުވަނީ 6.37 ސްކޯކޮށްފައެވެ.

ކުރިން މިމުބާރާތް ބާއްވާފައިވަނީ ގައްދޫ ޕްރޯގެ ނަމުގައެވެ. މިދިޔަ އަހަރު ކުރިއަށްދިޔަ ގައްދޫ ޕްރޯ މުބާރާތުގެ ޗެންޕިއަންކަން ހޯދީވެސް އިސްމާއީލް ރަޝީދުއެވެ. މިހާރު މިމުބާރާތް ކުރިއަށްދާނީ ގައުމީ ސަރފިން ލީގްގެ ތެރެއިންނެވެ.