ޚަބަރު

ޖަލުގައި ފުރަތަމަ ފަހަރަށް ޑްރަގް ރިހެބިލިޓޭޝަން ފަރުވާ


މަސްތުވާތަކެތީގެ މައްސަލައިގައި ހުކުމްކޮށްފައި ޖަލުގައި ތިބޭ ގައިދީންނަށް ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ފުރަތަމަ ފަހަރަށް ތަޢާރަފްކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ނެޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ކުރިއަށްގެންދާ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ޖަލުގައި ތިބި ގައިދީންނަށް ޚާއްސަކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު މަގްސަދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށްފަހު މުޖުތަމައުއަށް ނިކުންނައިރު އެ ފަރާތްތަކުގެ ކުރިމަގު އުޖާލާވެގެން ދިއުމެވެ.

މިޕްރޮގްރާމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން އަބްދުﷲ ވިދާޅުވީ ދިވެހިރާއްޖޭގެ މުޖުތަމައަށް ދިމާވެފައިވާ މަސްތުވާތަކެތީގެ ވަބާއިން އަރައިގަނެވޭނީ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން މިކަމުގެ ތެރޭގައި ޝާމިލްވެ ބައިވެރިވާންޖެހޭ އާއިލާތައް ގުޅިގެން ވަށާޖެހޭ ނިޒާމެއް ޤާއިމްކުރެވިގެންކަމަށެވެ. އަދި މި ޕްރޮގްރާމަކީ ޖަލުން ނިކުންނަ ކޮންމެ މީހަކީ ނުވަތަ ޒުވާނަކީ ޒިންމާދާރު، އަމިއްލައަށް މަސައްކަތްކޮށްގެން ދިރިއުޅޭ އުފާވެރި ހަޔާތަކަށް ގެންގޮސްދޭނެ މަގު ކޮށައިދޭނެ ޕްރޮގްރާމެއްކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

" މިއަދު މިފެށި ޕްރޮގްރާމްގެ ސަބަބުން ޖަލުގައި ކަސްތޮޅުއެޅުވި، ބިކަވެ، ނިކަމެތިވި، މާޔޫސްވެ، ގޮތްހުސްވެފައިވާ އާއިލާތަކާއެކު އުފާވެރި ހަޔާތެއް ލިބިދާނެކަމަށް ތަސައްވަރުވެސް ނުކުރާ އެތައް ޒުވާނެއްގެ ކުރިމަގު އުޖާލާކޮށް އިރާދަކުރެއްވިޔްޔާ އަލިކޮށްދޭނެ." މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން އަބްދުއްﷲ ވިދާޅުވިއެވެ.

ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށްދާނީ މައިގަނޑު 4 މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ ޑިޓޮކްސިފިކޭޝަން، ރިހެބިލިޓޭޝަން، ރިސްކް އެސެސްމަންޓް އަދި އާފްޓަރކެއަރ ސަރވިސްއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ދެއްކެވި ވާހަކައިގައި ކުރިއަށްއޮތްތާގައި ރިހެބިލިޓޭޝަންގެ އިތުރު ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި ޑީރެޑިކަލައިޒޭޝަން ޕްރޮގްރާމަކާއި، ސެކްސް އޮފެންޑަރސް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ އިތުރުން ޖުވެނައިލް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިމެނެއެވެ. އަދި ކުދި ކުށްތަކުގައި ޖަލަށް ގެނެވޭ މީހުންނަށް ޖެނެރަލް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށްވެސް މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމަކީ ރިހެބް ފަރުވާއަށްފަހު ޖަލުން މިނިވަންވުމަށްފަހު މުޖުތަމައަށް ނިކުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ވެވުނު އެއްބަސްވުމެކެވެ.

ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި ހިނގާ ކުށްތަކަށް ހައްލެއް ލިބިގެންދާނެއެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުން މުޖުތަމައު ތެރެއިން ފުރުސަތުތައް ފަހިވެގެންދާނެއެވެ.