ވިޔަފާރި

ބަންގްލަދޭޝްގެ ޑާކާގައި މޯލްޑިވިއަންގެ އައު ސޭލްސް އޮފީހެއް!


މޯލްޑިވިއަންގެ އައު ސޭލްސް އޮފީހެއް ބަންގްލަދޭޝްގައި ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

މި އޮފީސް ހުޅުވުމަށް މޯލްޑިވިއަންގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު މިހާދު ބަންގްލަދޭޝްއަށް ވަޑައިގެންފައިވާއިރު، މިތަން ހުޅުވައި ދެއްވީ ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިރުޒިމަތު ސަމީރުއެވެ. ބަންގްލަދޭޝްގެ ޑާކާގައި މޯލްޑިވިއަން ސޭލްސް އޮފީހެއް ހުޅުވިއިރު ބަންގްލަދޭޝް އަކީ މޯލްޑިވިއަން ދެކުނު އޭޝިއާގައި ދަތުރު ކުރާ މުހިންމު އެއް މަންޒިލެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަންއިން ބަންގަލަދޭޝްގެ ޑާކާ އާއި މާލެއާ ދެމެދު މިވަގުތު ހަފްތާއަކު 3 ދަތުރު ކުރެއެވެ. މި ދަތުރުތަށް ކުރަނީ އާދީއްތަ އަނގާރަ އަދި ހުކުރު ދުވަހުއެވެ. ޑާކާ ދަތުރު ތަކުގެ ޓިކެޓު ވިއްކަން ފަށާ އަގަކީ 225 ޑޮލަރެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 406 ޑޮލަރެވެ. މޯލްޑިވިއަންއިން މި ދޭތެރޭ ދަތުރު ކުރާ ފަރާތްތަކަށް މިމަހުގެ ނިޔަލަށް 40 ކިލޯގެ ލަގެޖް އެލަވެންސެއް ދޭން ވަނީ ނިންމާފައެވެ.

ކޯވިޑް-19ގެ ތެރޭ ރާއްޖޭގެ ބޯޑަރު ބަނދުކޮށް އަލަށް ހުޅުވިއިރު އެންމެ ފުރަތަމަ ދަތުރު ކުރަންފެށި ޤައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް ހިމެނެއެވެ. ނަމަވެސް އެ ޤައުމުގެ ކޯވިޑު ޙާލާތާ ގުޅިގެން ދަތުރުތަށް މިދިޔަ އަހަރު މަޑުޖެއްސިއެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު އޮގަސްޓު މަހު އަލުން ދަތުރުތައް ފަށައި ހަފްތާއަކު ތިން ފްލައިޓު ބާއްވާގޮތަށް ބަދަލު ކުރިއެވެ.