ޚަބަރު

ހަނގުރާމައިގެ ސަބަބުން ޗެލްސީގެ ވެރިޔާ މަޤާމުގެ މަސްއޫލިއްޔަތުން އެކަހެރިވެއްޖެ


ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް، އޭނާގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެ، ކްލަބް ހިންގުމުގެ ބެލެނިވެރިކަން ފައުންޑޭޝަން މެމްބަރުންނާއި ޙަވާލުކޮށްފިއެވެ.

ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކްލަބްތަކުގެ ތެރޭގައި ހިމެނޭ ޗެލްސީ ފުޓްބޯލް ކްލަބުގެ ވެރިޔާ އޭނާގެ މަސްއޫލިއްޔަތުން ދުރަށްދާކަން އިޢުލާންކޮށްފައި މިވަނީ ރަޝިޔާއާއި ޔޫކްރެއިނާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ ބާރުވެރި ރައްޔިތުންގެ މުދަލަށާއި، ކުންފުނިތަކަށާއި، އިޤްތިޞާދީ ގިނަ މަސްދަރުތަކަށް ދުނިޔޭގެ ޤައުމުތަކުން ދަތިކުރުމުގެ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ.

ރަޝިޔާގެ ބިލިއަނަރު އަބްރަމޮވިޗް، ޗެލްސީ ކްލަބް ގަނެފައިވަނީ 2003 ވަނަ އަހަރުއެވެ. އޭނާ 19 އަހަރު ކުލަބާއި ޙަވާލުވެގެންހުރުމަށްފަހު ކުލަބުގެ ބެލެނިވެރިކަން ފައުންޑޭޝަނުގެ މެމްބަރުންނަށް ދީފައިވާކަން ހާމަކޮށްފައިވާ ބަޔާން، އެކި ނޫސްވެރިންނާއި ޖަމުޢިއްޔާތަކުން ވަނީ ޓްވިޓަރގައި ދައުރުކޮށްފައެވެ.

އަބްރަމޮވިޗްގެ ބަޔާނުގައި އޭނާ ބުނެފައިވަނީ އޭނާ އަބަދުވެސް މަސައްކަތްކުރަމުން އައީ ކުލަބުގެ ލާބަ އިސްކޮށްގެންކަމަށެވެ. ނަމަވެސް މިހާރު ކްލަބާއި، ކުޅުންތެރިންނާއި، ސަޕޯޓަރުންގެ މަސްލަޙަތަށް އެންމެ ރަނގަޅުގޮތަކީ އޭނާ އެ މަޤާމުން ދުރަށްޖެހި، ކުލަބު ހިންގުމުގެ މަސްއޫލިއްޔަތު އިސްކޮށް ދެންތިބި ފަރާތްތަކާއި ޙަވާލުކުރުންކަމުގައި ދެކޭތީ އެގޮތަށް ކަންތައްކުރަން ނިންމީކަމަށް އޭނާ ބުނެފައިވެއެވެ.

ޚަބަރުތައް ބުނާގޮތުން އަބްރަމޮވިޗްގެ މި ނިންމުމަކީ ޔޫކްރެއިނާއި ދެކޮޅަށް ރަޝިޔާއިން ކުރާ ހަނގުރާމައިގެ ސަބަބުން ޗެލްސީއަށް ކުރިމަތިވެދާނެ ނަފްރަތުން ސަލާމަތްކޮށް، ކުލަބުގެ އަގު ހިފެހެއްޓުމުގެގޮތުން ނިންމި ނިންމުމެކެވެ. ނަމަވެސް ޗެލްސީގެ ވެރިޔަކަށް އަދިވެސް ހުރީ އޭނާއެވެ. އަދި އެ ކުލަބު ވިއްކާލުމުގެ ވިސްނުމެއް ނެތްކަމަށް ޚަބަރުތައް ބުނެއެވެ.

އިނގިރޭސި ފުޓުބޯޅައިގެ މުހިއްމު މުބާރާތެއްކަމަށްވާ އީ.އެފް.އެލް ކަޕްގެ ފައިނަލުގައި ލިވަޕޫލްއާ ދެކޮޅަށް މިއަދު ކުޅެން ޗެލްސީ ނިކުންނައިރު، އަބްރަމޮވިޗް އެ ކްލަބުގެ ވެރިޔަކަށް ހުންނާނެކަމާމެދު ސުވާލު އުފެދިފައިވާތީ، ކުލަބުގެ މެނޭޖްމަންޓާއި، ކުޅުންތެރިން ވަރަށް ބޮޑަށް މާޔޫސްވެފައިވާކަމަށް ކްލަބުގެ މެނޭޖަރު ހާމަކޮށްފައިވެއެވެ.

ފޯބްސްއިން ބުނާގޮތުގައި އަބްރަމޮވިޗްގެ މިލްކިއްޔާތުގެ އަގު 14 ބިލިއަން ޑޮލަރަށްއަރައެވެ. އޭނާ ވަނީ ފާއިތުވި މުއްދަތުގައި ޗެލްސީއަށް 1.5 ބިލިއަން ޕައުންޑު ނުވަތަ 2 ބިލިއަން ޑޮލަރު އިންވެސްޓުކޮށްފައެވެ. އޭނާއަށް ރަޝިޔާގެ އިތުރުން ޕޯޗުގަލްއާއި އިސްރާއީލުގެ ރައްޔިތުކަން ލިބިފައިވެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައިގެން ޙަމަލާދެމުންދާ މި ދަނޑިވަޅުގައި ރަޝިޔާއަށް ވާގިވެރިވާ ގިނަ ރައްޔިތުންގެ މުދަލާއި ފައިސާ، ވިލާތާއި ހުޅަނގުގެ ބާރުތަކުން ދަނީ ހިފަހައްޓަމުންނެވެ. ރަޝިޔާގެ ރައީސް ވުލަދުމީރު ޕުޓިންގެ މުދަލާއި ފައިސާވެސް ހިފަހައްޓާފައިވާއިރު، ރަޝިޔާގެ ވިޔަފާރިވެރިންނަށް މި ދަނޑިވަޅަކީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެކެވެ.