50 ގަޑިއިރުގެ ޑައިވްގައި ބާކީ، 4 ގަޑިއިރަށް ވުރެއް މަދު ވަގުތުކޮޅެއް އޮތުމާއެކު، މިއީ ކުރެވޭނެކަމެއްކަމަށް ގަބޫލް ކުރާކަމަށް ޝަފްރާޒް ނައީމް ބުނެފިއެވެ. ފަތުރުވެރިކަމުގެ ރަން ޔޫބިލް ފާހަގަކުރުމަށް ކުރިއަށްގެންދާ އިވެންޓްގައި ޝަފްރާޒް އަންނަނީ މޫދުގެ އަޑީގައި 50 ގަޑިއިރު ހަމަކުރުމަށް މަސައްކަތް ކުރަމުންނެވެ.
ޝަފްރާޒް މޫދަށް ފުންމާލާފައިވަނީ ހުކުރު ދުވަހުގެ މެންދުރު 3:30ގައެވެ. އަދި 50 ގަނޑިއިރުގެ މި ޑައިވް ހަރަކާތުގެ ވަގުތު ހަމަވާނީ މިއަދު ހަވީރު 5:30 އަށެވެ.
ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރުން ފުރުން ފާހަގަކުރުމަށް ތަޖުރިބާކާރު ޑައިވަރ ޝަފްރާޒް ނައީމް ފެށި 50 ގަޑިއިރުގެ ޑައިވް ޗެލެންޖްގައި އޭނާ ހޭދަކޮށްފައިވަނީ 6 މީޓަރު އަޑީގައެވެ. އަދި މިހާރު ޝަފްރާޒް މޫދު އަޑީގައި އޮންނަތާ ވަނީ 45 ގަޑިއިރަށް ވުރެއް ގިނައިރުވެފައެވެ.
މޫދު އަޑީގައި އޮވެގެން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ޝަފްރާޒްބުނީ މިއީ ވަރަށް ޗެލެންޖިންކަމެއްކަމަށާއި މިއީ ތަފާތު ތަޖްރިބާއެއްކަމަށެވެ. އަދި މިކަމަށް ގިނަ ބައެއްގެ ސަޕޯޓް ލިބުމުން ވަރަށް އުވާފާކަމަށާއި ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިފައިވާކަމަށެވެ. އަދި އުއްމީދު ކުރަނީ 50 ގަނޑިއިރު ހަމަކުރެވޭނެކަމަށެވެ. އަދި މިކަން ކުރިއަށް ގެންދިއުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ވެސް ޝުކުރުއަދާ ކުރާކަމަށާއި މިއީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތްކަމަށް ޝަފްރާޒް ބުންޏެވެ.
މިއިވެންޓުގައި މޫދު އަޑީގައި 50 ގަޑިއިރު ހޭދަކުރާ ޝަފްރާޒް ނައީމަކީ ކުރިން ޤައުމީ ދިފާއީ ބާރުގައި ޑައިވަރަކަށް މަސައްކަތްކުރި މީހެކެވެ. އަދި ޝަފްރާޒަކީ ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައި ޑައިވިންގެ ދާއިރާގައި 27 އަހަރު މަސައްކަތްކޮށްފައިވާ މީހެކެވެ. މި އެކްސްޓްރީމް ޑައިވް އިވެންޓަށް ތައްޔާރުވުމަށް އޭނާ ވަނީ ފަންސާސް ގަޑިއިރު މޫދު އަޑީގައި އޮތުމަށްޓަކައި ހަށިގަނޑު ހާނާ، ނަފްސާނީ ގޮތުން ވާންޖެހޭ ތައްޔާރީތަކުގެ އިތުރުން ޓެކްނިކަލް ތަމްރީންތައްވެސް ފުރިހަމަކޮށްފައެވެ.