ދުނިޔެ

ތާލިބާނުންގެ އަމާޒަކީ ސުލްޙައިގެ ވާހަކަތައް ނާކާމިޔާބު ކޮށްލުން


އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ޖަމާޢަތުން އެގައުމުގައި ދޭ ހަމަލާތައް އިތުރުވެފައިވަނީ އެގައުމަށް ސުލްޙަ ގެނައުމުގެ އަމާޒުގައި ބާއްވާ ބައިނަލްއަޤްވާމީ ވާހަކަތައް ނާކާމިޔާބުކޮށްލުން ކަމަށް އަފްޣާނިސްތާނުގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތަކުން ހާމަކުރައްވައިފިއެވެ.އަފްޣާނިސްތާނުގެ ޕޮލިޓަކަލް އެނަލިސްޓް ސަޢީދު ޢަބްދުﷲ އަހްމަދީ ވިދާޅުވީ، ތާލިބާނު ޖަމާޢަތުން ހަމަލާތައް އިތުރުކޮށްފައިވަނީ ސުލްޙަ ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި އެޖަމާޢަތަކީ މުހިއްމު ދައުރެއް އަދާ ކުރަން ޖެހޭ ޖަމާޢަތެއްކަން ދެއްކުމަށް ކަމަށާއި އަފްޣާނިސްތާނުގައި ވެރިކަން ކުރަން ޖެހޭ ބާރަކީ ތާލިބާނުކަން ދެއްކުމަށް ކަމަށެވެ. އަފްޣާނިސްތާނުގައި ތާލިބާނުން ދޭ ހަމަލާތައް ފަހަކަށް އައިސް އިތުރުވެފައިވާއިރު، ވެރިރަށް ކާބުލްގައި ދޭ ހަމަލާތައް ވެސް ވަނީ އިތުރުވެފައެވެ. އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމުކުރުމާއި ބެހޭ ގޮތުން، މަޝްވަރާ ކުރުމަށް އެގައުމާއި، ޕާކިސްތާނާއި، އެމެރިކާ އަދި ޗައިނާއިން މިއަދުގެ ވަގުތެއްގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބައްދަލުކުރާނެއެވެ.