ކުޅިވަރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގްރީން ބަލިކޮށް ޔޫވީން ދެވަނަ މޮޅު ހޯދައިފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް ބަލިކޮށް ޔުނައިޓެޑް ވިކްޓްރީއިން ލީގުގައި ދެވަނަ މޮޅު ހޯދައިފިއެވެ. މިމެޗު ޔުނައިޓެޑް ވިކްޓްރީ ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ.

މިމުބާރާތުގައި ޔުނައިޓްޑް ވިކްޓްރީއިން މިހާތަނަށް ދެ މެޗް ކުޅެފައިވާއިރު، އެޓީމް ފުރަތަމަ މެޗްގައި ކުލަބް ވެލެންސިޔާއިން ބަލިވިނަމަވެސް، ދެވަނަ މެޗްގައި ދަ ގްރާންޑޭ ބަލިކޮށްފައިވާއިރު، ރޭއިވަނީ ގްރީންގެ މައްޗަށް ކުރި ހޯދާފައެވެ. ގްރީންއިން ފުރަތަމަ މެޗްގައި ދަ ގްރާންޑޭއާއި ވާދަކޮށް އެއްވަރުވަފައިވާއިރު، ދެވަނަ މެޗްގައި އެޓީމުން ވަނީ ވެލެންސިޔާގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ރޭ ގްރީން ވަނީ ޔޫވީ އަތުން ބަލިވެފައެވެ.

މެޗް ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި އެންމެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ޔޫވީއިންނެވެ. އެޓީމްގެ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް (ޓޯނީ) ފޮނުވާލި ބޯޅަ ގްރީންގެ ކީޕަރު ހަނީފް ސާގިބް މަތަކުރިއެވެ. ގްރީންއިން ވެސް މެޗްގައި މޮޅަށް ކުޅުނުއިރު، އެޓީމްގެ ކޮލަމްބިއާގެ ފޯވާޑް ހޯސޭ އަވީލާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. ދެ ޓީމުންވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއިރު، ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން ޢަލީ ހަމްދާން ގޯލާ ދިމާލަށް ފޮނުވާލި ބޯޅަވަނީ ކީޕަރު ސާގިބް މަތަކޮށްފައެވެ.

މެޗްގެ ދަވަނަ ހާފް ކުޅުން ފަށައިގެން 3ވަނަ މިނެޓްގައި މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ޔޫވީއަށް ކާމިޔާބުކޮށްދިނީ ބެލަރޫސްގެ ފޯވާޑް އިވާން ވެރާސްއެވެ. މެޗްގައި ޔުނައިޓަޑް ވިކްޓްރީއިން ގޯލް ޖެހުމާއެކު ގްރީން ސްޓްރީސްއިން ކުރިއަށް ޖެހިލައިގެން ގޯލް ޖެހުމަށް މަސައްކަތް ކުރިއެވެ. އެގޮތުން މެޗްގެ 77ވަނަ މިނެޓްގައި އަވީލާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. ޔުނައިޓަޑް ވިކްޓްރީއަށް ލީޑް ފުޅާކުރުމަށްވެސް ރަގަނޅު ފުރުސަތު ލިބިގެންދިޔައެވެ. ނަމަވެސް އެޓީމްގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ލިބޭ ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މެޗްގެ ފަހު ކޮޅުގައި ގްރީންއިން ވަރަށް ބޮޑަށް ޔުނައިޓެޑް ވިކްޓްރީގެ ގޯލަށް ނުރައްކާ ކުރިއެވެ. އެގޮތުން ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިޟްވާން ވަހީދު ޖެހި ބޯޅަ ޔުވީގެ ކުޅުންތެރިއަކު އަތުގައި ޖެހުނުކަމަށް ބުނެ، ގްރީންގެ ކުޅުންތެރިން ވަނީ ޕެނަލްޓީއަކަށް އެޕީލްކޮށްފައެވެ. ނަމަވެސް މެޗްގެ ރެފްރީ އަފްޝީން ނަސީރު ވަނީ އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ 1 ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޔުނައިޓެޑް ވިކްޓްރީ އަދި ކުލަބް ވެލެންސިޔާއަށް ވަނީ 6 ޕޮއިންޓް ލިބިފައެވެ. މާޒިޔާ އަށް ލަނޑުގެ ތަފާތުން ކުރި ލިބޭއިރު، ޔުނައިޓެޑް ވިކްޓްރީ އާއި ވެލެންސިއާ އޮތީ އެއް މެޗު އިތުރަށް ކުޅެގެން ލަނޑުގެ ގޮތުން އެއްވަރުވެފައެވެ.